11 Mar 2015, 08:53
ތަފާތު އެކި ފެންވަރުގެ 261 ހައުސިން ޔުނިޓް ހިމެނޭ، ހައުސިން މަޝްރޫއެއް އަމީން ކޮންސްޓްރެކްޝަނުން އިފްތިތާހުކޮށްފި އެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ހަފްލާއެއްގައި، 'އަމީން އެވެނިއު' ނަމުގައި ފެށި އެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.
ހުޅުމާލޭގައި ހަދާ އެ އެޕާޓްމަންޓްތައް ގަންނަ ފަރާތްތަކުން ފްލެޓްގެ އަގުގެ 20 ޕަސެންޓް ދެއްކުމުން ބާކީވާ 80 ޕަސެންޓް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދޭނީ ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ( އެޗްޑީއެފްސީ) ން ކަމަށް އަމީން ކޮންސްޓްރަކްޝަންގެ ޑިރެކްޓަރު އަހުމަދު އިޒްއާން ވިދާޅުވި އެވެ.
މި އެވެނިއު ތަރައްގީވެގެންދާނީ 14 ބުރީގެ ތިން ޓަވަރުގެ ގޮތުގައެވެ. އަދި މިއިންކޮންމެ ޓަވަރެއްގެ ގްރައުންޑް ފްލޯއާއި ފަސްޓް ފްލޯ ހުންނާނީ، ވިޔަފާރިތަކަށް ޚާއްސަކުރެވިފައިވާ ދެ ފްލޯ ކަމަށް އަމީން ކޮންސްޓަރަކްޝަންގެ މެނޭޖަރު ކޮންޓްރެކްޓްސް އިބްރާހިމް ނިހާދު ވިދާޅުވި އެވެ.
މި ހައުސިން އެޕާޓްމެންޓްތައް ވަނީ ތިން ކެޓަގަރީ އަކަށް ބަހާލާފައެވެ. އެއީ ބޭސިކް އެޕާޓްމެންޓްސް، ލަގްޒަރީ އެޕާޓްމެންޓްސް އަދި ޕެންޓް ހައުސް އެޕާޓްމެންޓެވެ.
ބޭސިކް އެޕާޓްމެންޓްސް ކެޓަގަރީގައި ހިމެނެނީ 189 ހައުސިން ޔުނިޓެވެ. މި އެޕާޓްމެންޓް ފަރުމާކުރެވިފައި ހުންނާނީ 940 އަކަ ފޫޓާއި 1085 އަކަފޫޓް ދެމެދުގެ ބޮޑު މިނެއްގައެވެ. މި ޔުނިޓްތަކުގައި ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓް ހިމެނެއެވެ. އެޕާޓް ގަންނަ ފަރާތުން ބޭނުންވާ ގޮތަށް ބައެއް ބަދަލުތައް ގެނެވިދާނެ ކަމަށް ނިހާދު ވިދާޅުވިއެވެ. މި ފްލެޓްތައް ވިއްކަން ފަށާ އަގަކީ 2.1 މިލިއަން ރުފިޔާއެވެ.
ލަގްޒަރީ އެޕާޓްމެންޓްސް ކެޓަގަރީގައި ހިމެނެނީ 54 އެޕާޓްމެންޓެވެ. މި އެޕާޓްމެންޓް ފަރުމާކުރެވިފައި ހުންނާނީ 1290 އަކަ ފޫޓާއި 1570 އަކަފޫޓް ދެމެދުގެ ބޮޑު މިނެއްގައެވެ. މިއީ ހަތަރު ކޮޓަރީގެ އެޕާޓްމެންޓެވެ. މި އެޕާޓްމެންޓްތައް ފެށޭ އަގަކީ 3.7 މިލިއަން ރުފިޔާ އެވެ. މި އެޕާޓްމެންޓް ފެށޭ އަގަކީ 3.7 މިލިއަން ރުފިޔާ އެވެ.
އެޕާޓްމެންޓްގެ ތިންވަނަ ކެޓަގަރީ ކަމަށްވާ ޕެންޓް ހައުސް ފަރުމާކުރެވިފައިވަނީ ދެ ފްލޯ އަށެވެ. އެއީ މަތީ ފްލޯގައި އެޓޭޗް ފާޚަނާ އާާއި އެކު ދެ ކޮޓަރި އަދި ތިރީ ފްލޯގައި އެޓޭޗް ފާޚަނާ އާއި އެކު މެއިޑް ރޫމެއް ހިމެނޭ ގޮތަށެވެ. މި އެޕާޓްމެންޓް ފެށޭ އަގަކީ 6.5 މިލިއަން ރުފިޔާ އެވެ.
މި އެޕާޓްމެންޓްތަކަށް ކަސްޓަމަރުން ބޭނުންވާ ބައެއް ބަދަލު ގެނެވޭނެ ކަމަށް އަމީން ކޮންސްޓްރަކްޝަނުން ބުނެއެވެ.
ރޭގެ އެ ހަފްލާގެ ޝަރަފްވެރި މެހްމާން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވަނީ މި މަޝްރޫއަށް ތައުރީފުކުރައްވައިފައެވެ. އަދި އަމީން ކޮންސްޓްރަކްޝަންގެ މި މިސާލާއި އެކު އެހެން ކުންފުނިތަކުން ވެސް މި ފަދަ މަޝްރޫއުތައް ކުރިޔަށް ގެންދާނެ ކަަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ރޭގެ ހަފްލާގައި ވަނީ އަމީން އެވެނިއުގެ ވެބްސައިޓް އިފްތިތާހުކޮށްފައެވެ. ވެބްސައިޓް އިފްތިތާހުކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒު އެވެ.
އަމީން އެވެނިއުގެ އެޕާޓްތައް ބުކް ކުރުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލާފައިވާ ކަމަށް އެ ކުންފުނީގެ ޑިރެކްޓަރު އަހުމަދު އިޒްއާން ވިދާޅުވި އެވެ.
އަމީން އެވެނިއު މަޝްރޫއުގެ އިންޝުއަރެންސް ޕާޓްނަރަކީ އެލައިޑް އިންޝޫރެންސެވެ. އަމީން ކޮންސްޓްރަކްޝަން އުފެދުނީ 1984 ވަނަ އަހަރުއެވެ.