މި ސަރުކާރަކީ ވިޔަފާރި ކުރާނެ ސަރުކާރެއް ނޫން ކަމަށާއި މި ސަރުކާރުން ކުރާނެ މަސައްކަތަކީ ވިޔަފާރިއަށް 'ފެސިލިޓޭޓް' ކޮށްދިނުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ހުޅުމާލޭގައި އިމާރަތްކުރާ ' އަމީން އެވެނިއު' ފްލެޓްތަކުގެ މަޝްރޫއު އިފްތިތާހު ކުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ބޯހިޔާވަހިކަމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

" މީ ޔޫތް ސިޓީއަށް 'އެޑް'ވާނެ ވަރަށް ބައިވަރު ބޯހިޔާވަހިކަމެއް. އަދި އަޅުގަނޑުމެންނަށް މި ދައްކައިދެނީ އިންވެސްޓަރުން މި ސަރުކާރަށާއި އަދި މިވަގުތު ދިވެހި ރާއްޖެއަށް އޮތް ކޮންފިޑެންސް،" އަދީބު ވިދާޅުވި އެވެ.

މީގެ އިތުރުން ސަރުކާރުން އަޅާ ފްލެޓް ލިބޭ ފަރާތްތަކަށް އެ ފްލެޓް، 48 ގަޑިއިރުތެރޭ ރަޖިސްޓްރީ ހަވާލުކޮށްދޭނެ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށް މިނިސްޓަރު އަދީބު ވިދާޅުވި އެވެ.
އަދި މިކަން ކުރުމަށްޓަކައި ހައުސިން މިނިސްޓްރީގައި، "ރިއަލް އެސްޓޭޓް ޑިޕާޓްމެންޓް"ގެ ނަމުގައި ޑިޕާޓްމެންޓެއް އުފައްދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ، ރިއަލްއެސްޓޭޓް ވިިޔަފާރިއަކީ މިވަގުުތު ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ވިޔަފާރިއެއް ކަމަށެވެ.

"ހައުސިން މިނިސްޓްރީގައި ރިއަލްސްޓޭޓް ޑިޕާޓްމެންޓެއް އުފައްދައި. އަދި އޭގެ ދަށުން ދިވެހިރާޖޭގައި ހެދޭ އެޕާޓްމެންޓެއް ގަންނަ ކޮންމެ ބޭފުޅަކަށް އެބޭފުޅާ ބޭނުންވާ ޓައިޓްލް، މާތް ރަަސްކަލާގެ އިރާދަފުޅުން ވަރަށް އަވަހަށް، 48 ގަޑިއިރުތެރޭގައި އެމީހާގެ އަތަށް އެ ޓައިޓްލް ލިބޭނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސޭނެ،" އަދީބު ވިދާޅުވި އެވެ.

ހުޅުމާލޭން ޒުވާން އާއިލާތަކަށް ބޯހިޔާވަހިކަން ހަމަޖެހިގެންދާނެ ކަމަށް އަދީބު ވިދާޅުވި އެވެ. އަދި މި ހަފްތާތެރޭ ބިން ހިއްކުމުގެ މަސައްކަތް ނިމި ދާދި އަވަހަށް އެހެނިހެން މަސައްކަތް ފެށޭނެ ކަމަށްވެސް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ، އަމީން ކޮންސްޓްރެކްޝަންގެ މިފަދަ މަސައްކަތުން ދައްކުވައިދެނީ އިންވެސްޓަރުން މި ސަރުކާރަށް ކުރާ އިތުބާރުކަމަށެވެ.