އިމާމުންގެ ފެންވަރު ރަނގަޅު ކުރުމަށާއި އިތުރު ތަމްރީން އެމީހުންނަށް ދިނުމަށްޓަކައި މެލޭޝިއާއަށް ފޮނުވައިގެން އިމާމުން ތަމްރީން ކުރުމުގެ ފުރުސަތެއް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓަރުގެ ނައިބް ޑރ. އައިޝަތު މުނީޒާ "ސަން" އަށް ވިދާޅުވީ، އެ ފުރުސަތަކީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން މެލޭޝިއާގައި އެދިގެން ލިބިފައިވާ ފުރުސަތެއް ކަމަށެވެ. އަދި މެލޭޝިއާގެ އިންސްޓިޓިއުޓް ލަޓިހަން އިސްލާމް މެލޭޝިއާ (އިލިމް) އަށް ފޮނުވައިގެން އިމާމުން ތަމްރީން ކުރުމަށް ލިބިފައިވާ އެ ފުރުސަތުގައި 25 އިމާމަކަށް ފުރުސަތު ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުނގަޑުމެން މީގެ ކުރިން ވެސް ވާނެ އިމާމުން ތަމްރީން ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވާފަ. ނަމަވެސް މި ކޯހަކީ އިސްލާމިކް މިނިސްޓްރީން ދޭ އިރުޝާދުގެ ދަށުން އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ ވަކި ކަންތައްތަކެއް ކިޔަވައިދޭނެ، ޓެއިލާ މޭޑް ކޯހެއް،" މުނީޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޯހުގެ ފުރުސަތު ލިބޭ އިމާމުންނަށް މެލޭޝިއާ ދެކޮޅު ޓިކެޓުގެ ހަމަޖައްސައިދޭނީ މިނިސްޓްރީގެ ފަރާތުން ކަމަށެވެ. އަދި ދެން ހުރި ހުރިހާ ހަރަދެއް ހަމަޖައްސާނީ އިންސްޓިޓިއުޓްގެ ފަރާތުން ކަމަށް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ގެޒެޓު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އިމާމް ޕްރޮފެޝަނަލިޒަމްގެ ނަމުގައި އަންނަ މޭ މަހުގެ 24 އިން 30 އަށް މެލޭޝިއާގައި ހިންގާ އެ ކޯހަށް އެދުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ކޯހަށް އެދުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އިމާމު ނުވަތަ މުދިމު ކަމުގައި ދާއިމީ ވަޒީފާއެއްގައި ހުރި މީހެއް ކަމުގައި ވުމާއި އަރަބި ނުވަތަ އިނގިރޭސިބަހުން ވާހަކަ ދައްކަން އެނގޭ މީހަކަށް ވުމާއި އެފަދަ ޓްރެއިނިން އެއް ފުރިހަމަ ކުރެވޭވަރުގެ ސިއްހަތެއް ހުރި މީހަކަށް ވުމުގެ އިތުރުން މީގެ ކުރިން އިމާމު ޕްރޮފެޝަނަލިޒަމް ޓްރެއިނިން ހަދާފައިވާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ.