ވިއެނާ (މާވް 10): ޝޭލް އޮއިލް އެކްސްޓްރަކްޝަން ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އުފައްދާ ތެލަށް އޯޕެކްގެ ތެލާ ވާދަނުކުރެވޭނެ ކަމަށާއި ކައިރި މުސްތަގްބަލެއްގައި ތެލުގެ އަގު މައްޗަށްދާނެކަމަށް ތެޔޮ އެކްސްޕޯޓްކުރާ ގައުމުތަކުގެ ޖަމިއްޔާ (އޯޕެކް)ގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ އަލްބަދްރީ ވިދާޅުވެއްޖެ އެވެ.

ވިއެނާގައި ދެއްވި ބަޔާނެއްގައި ޑރ. އަލްބަދްރީ ވިދާޅުވީ، އެމެރިކާއިން ކިތަންމެ ވަރަކަށް ޝޭލް އޮއިލް އެކްސްޓްރަކްޝަން ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ވަކިވައްތަރެއްގެ ހިލައިން ތެޔޮއުފެއްދި ނަމަވެސް އޯޕެކްގެ ގައުމުތައް ކަންބޮޑުނުވާނެ ކަމަށާއި އެ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ހިލައިން އުފައްދާ ތެލަށް މުސްތަގްބަލެއް ނެތްކަމުގައެވެ.

އޭނާ ވިދާޅުވިގޮތުގައި ފާއިތުވި ހަތް މަސްތެރޭގައި ތެލުގެ އަގު ދަށަށްދިޔައީ ޝޭލް އޮއިލް އެކްސްޓްރަކްޝަން އިން އެމެރިކާގައި އުފައްދާ ތެޔޮ ގިނައަދަދަކަށް ބާޒާރަށް ނެރުމާއެކު ތެލުގެ ޑިމާންޑަށްވުރެ ސަޕްލައި އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ޑރ. އަލްބަދްރީ ވިދާޅުވިގޮތުގައި މިއަހަރުގެ މެދަކާ ހިސާބަށް ދާއިރު ތެލުގެ އަގު ހަމައަކަށް އެޅޭނެ ކަމަށާއި ތެލުގެ ސަޕްލައި ބާޒާރުގައި މަދުވަމުންދާނެ އެވެ. އެހެންކަމުން މިއަހަރުގެ މެދަކާ ހިސާބަށް ދާއިރު މިޙާލަތު ބަދަލުވެ ތެލުގެ އަގު ހަމައަކަށް އެޅޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޝޭލް އޮއިލް އެކްސްޓްރަކްޝަން އިން އެމެރިކާގައި ތެޔޮ އުފެއްދުމުގެ ޚަރަދު ބިމުގެ އަޑީގައި ގުދްރަތީ ގޮތުން އުފެދިފައިވާ ކްރޫޑް އޮއިލް ނުވަތަ ސާފުނުކުރާ ތެލަށްވުރެ މާބޮޑެވެ. އަދި ޝޭލް ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އެމެރިކާއަށް ގިނައިން ތެޔޮ އުފެއްދޭނީ 2029 އާ ހަމައަށް ކަމަށާއި އެއަށްފަހު މި ޓެކްނޮލޮޖީގެ އެހީގައި ތެޔޮ އުފައްދާމިންވަރު ދަށްވާނެ ކަމަށް ކަމާބެހޭ ދިރާސާތައް ބުނެއެވެ.

ފާއިތުވި ހައެއްކަ މަސް ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވަނީ 60 އިންސައްތަ ދަށަށްގޮސްފައެވެ. މިގޮތުން 85 ޑޮލަރަށް ހުރި ތެޔޮ ފީފާއެއްގެ އަގު 22 ޑޮލަރަށްވުރެވެސް ދަށަށް ގޮސްފައިވާއިރު ތެލުގެ އަގު އަވަސް އަވަހަށް ދަށަށްގޮސް އަދި ބައެއްފަހަރު ކުޑަކޮށް މައްޗަށްވެސް ގޮސްފައިވެއެވެ.

މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވަނީ ފީފާއަކަށް 50 ޑޮލަރަށްވުރެ މަތީގައެވެ. އޯޕެކުން ލަފާކުރަނީ މިއަހަރުގެ މެދަކާ ހަމައަށްދާއިރު ތެޔޮފީފާއެއްގެ އަގު 65 ޑޮލަރަށް އަރާނެ ކަމުގައެވެ. ނަމަވެސް ފިފާއަކަށް 65 ޑޮލަރަށްވުރެ މައްޗަށް ކައިރި މުސްތަގްބަލެއްގައި ތެލުގެ އަގު މައްޗަށް ނުދާނެކަމަށް ރިޕޯޓްތައް ބުނެ
އެވެ.

ތެލުގެ އަގު ދަށަށް ދިޔުމުގެ ސަބަބުން ތެޔޮއެކްސްޕޯޓް ކުރާ ގައުމުތަކުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ތެޔޮ އިންޕޯޓްކުރާ ގައުމުތަކުގެ ސަރުކާރުގެ ބަޖެޓަށާއި އާންމުންގެ ޖީބުތަކަށްވަނީ ބޮޑު ލުޔެއް ލިބިފައެވެ. (ނޫސްއެޖެންސީތައް)