އެމެރިކާގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ޝައިހް ޑރ. ޔާސިރް ގާޟީ މިއަދު ރާއްޖެއަށް ވަޑައިގެންފި އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ޝައިހަށް މަރުހަބާ ވިދާޅުވީ، އިސްލާމިކް މިނިސްޓަރުގެ ނައިބް ޑރ. އައިޝަތު މުނީޒާ އާއި ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އަހުމަދުގެ އިތުރުން ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު އަލީ އާއި ޝެއިހް މުހައްމަދު ދީދީ އެވެ.

ޑރ. ޔާސިރް ގާޟީ ރާއްޖެއަށް ވަޑައިގެންފައި މިވަނީ، "ދަ މެސެޖް" ގެ ނަމުގައި އިސްލާމިކް މިނިސްޓްރީން ބާއްވަމުން އަންނަ ސިލްސިލާ ދަރުސްތަކުގެ ތެރެއިން އަންނަ ހުކުރު ދުވަހުގެ ރޭ އަލިމަސް ކާނިވަލުގައި ބާއްވާ ތިން ވަނަ ދަރުހުގައި ތަގުރީރު ކުރެއްވުމަށެވެ.

ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ވަހުދަތު ވަރުގަދަ ކުރުމަށާއި ޒުވާނުންގެ ހިތްތަކުގައި ދީނީ ރޫހު އާލާ ކުރުމަށް ޓަކައި ބާއްވަމުން އަންނަ އެ ދަރުސްތަކުގެ ތެރެއިން ހުކުރު ދުވަހުގެ ރޭ ބާއްވާ ދަރުހުގައި ޔާސިރް ގާޟީ ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ "އީމާން ކަމުގެ އަސާސްތައް" މި މައުޟޫގެ މައްޗަށެވެ.

އިސްލާމިކް މިނިސްޓަރުގެ ނައިބް ޑރ. އައިޝަތު މުނީޒާ މިއަދު "ސަން" އަށް ވިދާޅުވީ، އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ޑރ. ޔާސިރް ގާޟީ ރާއްޖެއަށް ކުރައްވާ އެ ދަތުރުފުޅުގައި އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ކުރާ ހުކުރު ނަމާދުގައި ހުތުބާ ވިދާޅުވެ އިމާމުވެ ނަމާދު ކުރައްވާނެ ކަމަށެވެ.

އޭގެ އިތުރުން ހުކުރު ދުވަހުގެ ހަވީރު އިސްލާމީ މަރުކަޒުގައި ޒުވާނުންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝައިހް ޑރ. ޔާސިރް ރާއްޖެއަށް ކުރައްވާ ދަތުރުފުޅު ނިންމާލުމަށްފަހު އެނބުރި އެމެރިކާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު އެވެ.

މަދީނާގައި ހުންނަ އިސްލާމިކް ޔުނިވާސިޓީން މަތީތައުލީމް ހާސިލްކުރެއްވި ޝެއިހް ޑރ. ޔާސިރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްލާމްދީނަށް ގޮވާލައްވަމުން ގެންދަވާ، މިހާރު އެމެރިކާގައި ހުންނަ އަލް މަޣުރިބް އިންސްޓިޓިއުޓްގެ އެކަޑަމިކް އެފެއާޒްގެ ޑީން ކަންވެސް ކުރައްވަވާ ބޭފުޅެކެވެ.

އިސްލާމްދީނާއި ގުޅޭ ހަރަކާތްތައް އެމެރިކާގައި ހިންގެވުމުގައި އިސްކޮށް ހުންނަވާ އަދި އެމެރިކާގެ ނުފޫޒުގަދަ އެއް ޝެއިހްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ޑރ. ޔާސިރަކީ މަޝްހޫރު ގާރީއެއްގެ އިތުރުން އިސްލާމްދީނާއި ބެހޭ ގޮތުން ގިނަ ލިޔުއްވުންތަކެއް ލިޔުއްވާފައިވާ މުސައްނިފެކެވެ.