10 Mar 2015, 20:40
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގައި ސިންގަޕޫރުގެ ވޯރިއާސް 2-0 ގެ ނަތީޖާއަކުން ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެ ޓީމް ހިމެނޭ ގްރޫޕް "އީ"ގެ ތާވަލުގެ ދެވަނައަށް ޖެހިލައިފި އެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗު ކާމިޔާބުކޮށް ގްރޫޕް "އީ"ގެ ދެވަނައަށް މާޒިޔާ ޖެހިލީ، މުބާރާތުގައި އެޓީމު މިހާތަނަށް ދެ މެޗު ކުޅެގެން ލިބުނު ތިން ޕޮއިންޓާއެކު އެވެ. އަދި މުބާރާތުގެ ފުރަތަމަ މެޗުގައި މާޒިޔާ 2-1 ގެ ނަތީޖާއަކުން ބަލިކުރި އިންޑިއާގެ ބެންގަލޫރު އެފްސީވެސް މުބާރާތުގައި މިހާތަނަށް ތިން ޕޮއިންޓް ހޯދާފައި ވާއިރު، މާޒިޔާ ތާވަލްގެ ދެވަނައިގައި އޮތީ ބެންގަލޫރަށް ވުރެ ފައިދާ އެއް ލަނޑު އިތުރު ވުމުންނެވެ.
މިއަދުގެ މެޗުގައި މާޒިޔާގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ ދެވަނަ ހާފް ފެށިތާ ހަތަރުވަނަ މިނެޓުގައެވެ. އެ ލަނޑު މާޒިޔާއަށް ކާމިޔާބު ކޮށްދިނީ ވޯރިއާސްގެ ޑިފެންޑަރަކު ސާފުކޮށްލަން މަސައްކަތް ކުރި ބޯޅަ ލިބުމުން، އެ ފުރުސަތުގެ ބޭނުން ހިފާ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އެވެ.
މާޒިޔާގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށްވެފައި ވަނިކޮށް، ހުސެއިން ނިޔާޒް (ބޮކުރީ) ނަގައިދިން ހުރަހަކުން، އެ ޓީމްގެ ސްޕެނިޝް ފޯވާޑް ޕަބްލޯ ރޮޑްރިގޭޒް އެވެ.
ދެ ލަނޑުގެ ލީޑެއް ލިބުމުން މާޒިޔާ އިތުރު ލަނޑެއް ކާމިޔާބު ކުރެވޭތޯ ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ފަހު ވަގުތުކޮޅު އެ ޓީމަށް ލީޑު އިތުރަށް ފުޅާކޮށްލެވިފައި ނުވާއިރު، އެ ހާފްގައި ގިނަ ފުރުސަތުތަކެއް އުފައްދާފައި ވަނީ މާޒިޔާ އެވެ. އެ ހާފްގައި ވޯރިއާސްއަށް ވަނީ މާޒިޔާގެ ގޯލަށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވޭގޮތް ނުވެފައެވެ.
މެޗުގެ ފުރަތަމަ ހާފްގައިވެސް ގޭމް ކޮންޓްރޯލް ކުރަމުން ދިޔައީ މާޒިޔާ އެވެ. އެގޮތުން މެޗުގެ އަށްވަނަ މިނެޓުގައި އުމޭރު ނަގައިދިން ކޯނަރަކުން ވޯރިއާސްގެ ގޯލަށް މާޒިޔާ އަމާޒުކޮށްލި ހަމަލާ ހުރަސް ދަނޑިމަތިން ބޭރަށް ދިޔައިރު، 10 ވަނަ މިނެޓުގައި އަސައްކޮ ވޮރިއަރސްގެ ޕެނަލްޓީ އޭރިއާތެރޭ ހުރި ނާޝިދު (ނާއްޓޭ)އަށް ދިން ބޯޅަ އޭނާއަށް ވަނީ ގެއްލިފައެވެ.
ކައުންޓާގައި ވޯރިއާސްވެސް މާޒިޔާގެ ގޯލަށް ނުރައްކާތެރި ދެ ތިން ހަމަލާއެއް ފޮނުވާލިއިރު، އެ ޓީމަށް ވަނީ ކީޕަރު އިމްރާން ހާސްކޮށްލެވޭ ވަރުގެ ހަމަލާއެއް އުފެއްދޭ ގޮތް ނުވެފައެވެ. ފުރަތަމަ ހާފްގެ މެދުތެރެއިން މާޒިޔާ ކުޅުމުގެ ސްޕީޑް ދަށްކޮށްލުމުން ވޯރިއާސް އިތުރަށް ކުރިއަށް ޖެހިލިނަމަވެސް، އެ ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.