17 Feb 2011, 15:40
ޖުޑީޝަލް ސާވިސް ކޮމިޝަން [ޖޭއެސްސީ] އަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ މެންބަރު އައިޝަތު ވެލްޒިނީ އެންޓި ކޮރަޕްޝަން ކޮމިޝަން [އޭސީސީ] ހުށަހެޅި މައްސަލައަކާ ގުޅިގެން ޖޭއެސްސީގެ މެންބަރުންނަށް ދެމުން ގެންދިޔަ އެލަވަންސްތައް ވަގުތީ ގޮތުން ހުއްޓާލުމަށް އޭސީސީ އިން އަންގައިފި އެވެ.
ޖޭއެސްސީގެ މީޑިއާ ކޯޑިނޭޓަރު ހަސަން ޒަހީން މިއަދު ވިދާޅުވީ އޭސީސީން މިދިޔަ އާދީއްތަ ދުވަހު ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ "އޭސީސީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެ ކޮމިޝަނުން ވަކިއެއްޗެއް އަންގަވަންދެން ޖޭއެސްސީގެ ކޮމެޓީތަކަށާއި ޖަލްސާތަކަށް މެންބަރުންނަށް ދެމުންގެން ދިޔަ އެލަވަންސަތައް ހުއްޓާލުމަށް" އަންގާފައިވާ ކަމަށެވެ.
އޭސީސީން އެ ގޮތަށް އެންގުމުން އެ ކޮމިޝަނުން އެއަށް އަމަލްކުރާނެ ކަމަށް ޒަހީން ވިދާޅުވި އެވެ.
ޖަލްސާތަކަށާއި ކޮމެޓީތަކަށް ޖޭއެސްސީގެ މެންބަރުން ނަގަމުންދާ އެލަވަންސްތަކަކީ ގާނޫނާ ހިލާފަށް ނަގަމުންދާ އެއްޗެއް ކަމަށް ވިދާޅުވެ، އައިޝަތު ވެލެޒިނީ އޭސީސީއަށް އެ މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ ޖެނުއަރީ 12، 2010 ގަ އެވެ. ނަމަވެސް ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު ވިދާޅުވެފައި ވަނީ ޖޭއެސްސީގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަނީ ރައްޔިތުން މަޖިލީހުން ކަމަށެވެ. އަދި އެކަން ޤާނޫނު އަސާސީން ވަރަށް ސާފުކޮށް ފެންނަން އޮންނާނެ ކަމަށެވެ.
ޖޭއެސްސީގެ ކޮންމެ ޖަލްސާއަކަށް 500 ރުފިޔާ އަދި ކޮމެޓީ ބައްދަލުވުމަކަށް 300 ރުފިޔާގެ އެލަވަންސް ކޮމިޝަންގެ މެންބަރުން ނަންގަވާ ކަމަށް ޖޭއެސްސީން ބުނެ އެވެ. އެ ގޮތުން އެލަވަންސްގެ ގޮތުގައި މިދިޔަ އަހަރު ވެސް ފަސް ލައްކަ އަށް ވުރެ ގިނަ ފުރިޔާ ނަގާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.