10 Mar 2015, 18:44
ފުލުހުންގެ ތަހުގީގީ ޖަލު، ދޫނިދުއަށް ހުއްދަނެތި އަރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ، މީގެ ކުޑައިރުކޮޅެއް ކުރިން ދޫނިދޫ ކައިރިއަށް ދޯންޏެއްގައި ހަތް މީހަކު އައިސް އެސަރަހައްދުގައި މުޒާހަރާކުރުމަށް ފަހު އެރަށަށް އަރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެމީހުން ފުލުހުންގެ އަމުރަށް ކިޔަމަން ނުވެ ގަދަ ހެދުމުން މިހާރު އެމީހުން ދަތުރުކުރި ދޯންޏާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ، ހައްޔަރުކުރި ހަތް މީހުންގެ ތެރޭގައި އިސްކޮށް ހުރީ ދިވެއްސެއް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ، ދިވެހިންގެ ފަސް މީހަކާއި ބަނގުލަދޭޝް ދެމީހުން ކަމަށެވެ. އަދި ހައްޔަރުކޮށްފައިވާ އެންމެންނަކީ ވެސް ފިރިހެނުން ކަމަށް އޭނާ ވިދާޅުވި އެވެ.
'ސަން'އަށް އެނގިފައިވާ ގޮތުގައި، ދޫނިދޫ ސަރަހައްދުގައި މުޒާހަރާކޮށް އެރަށަށް އަރަން މަސައްކަތްކުރި މީހުން ގޮވަމުން ދިޔައީ، ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއަކާ ގުޅިގެން ދޫނިދޫގައި ހައްޔަރުކޮށްފައި ހުންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ދޫކޮށްލުމަށެވެ. އަދި އެމީހުންނާއެކު އިސްކޮށް ހުރީ، މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އެވެ.
ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލައި ދޫނިދޫ ކައިރީ ކަނޑުމަތީގައި ބަޔަކު މިރޭ މުޒާހަރާކޮށްފައި ވާއިރު، މީގެ ކުޑައިރު ކޮޅެއް ކުރިން ފުލުހުން ބުނެފައިވަނީ، ކްރިމިނަލް ކޯޓުގައި މިރޭ ކުރިއަށް ގެންދާ ޝަރީއަތުގެ މަޖިލީހަށް "ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްކާތެރިކަމާއެކު ހާޒިރުކޮށްފި،" ކަމަށެވެ.
Mireyge Shareeathuge Majileehah Kureege Raees M. Nsheed Rakkaatheri Kamaaeku haazirukoffi#fbpic.twitter.com/zxLpyk4wyS
— Maldives Police (@PoliceMv)March 10, 2015