ބައިނަލްއަގްވާމީ އޮލިމްޕިކް ކޮމިޓީގެ އޮލިމްޕިކް ސޮލިޑެރިޓީ ކޮމިޝަނުން ރާއްޖޭގައި ބާއްވަން ނިންމާފައިވާ ބައްދަލުވުމުގައި ބައިވެރިވުމަށް، އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ޝެއިޚް އަހުމަދު ފަހުދު އަލް ސޮބާހު ރާއްޖެ ވަޑައިންނަވައިފި އެވެ.

އޮލިމްޕިކް ސޮލިޑެރިޓީގެ ކޮމިޝަންގެ ޗެއަމަންގެ މަގާމް ވެސް އަދާކުރައްވާ ޝެއިޚް ފަހުދު ރާއްޖެ ވަޑއިންނަވާފައި ވަނީ މިއަދު މެންދުރު އެވެ. އެ މަނިކުފާނަށް އެއަޕޯޓުން މަރުހަބާ ކިޔާފައި ވަނީ ޔޫތު މިނިސްޓްރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލް އާއި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ސެކްރެޓެރީ ޖެނެރަލް އަހުމަދު މަރުޒޫގްގެ އިތުރުން އޮލިމްޕިކް ކޮމިޓީގެ އިސް ބޭފުޅުންނެވެ.

މިއަދު ރާއްޖޭ ވަޑައިގެންނެވުމަށް ފަހު، ޝެއިޚް ފަހުދު ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާ ވެސް ބައްދަލުކުރައްވާފަ އެވެ.

އޮލިމްޕިކް ކޮމިޓީ އިން ރާއްޖޭގައި ބާއްވަން ނިންމާފައިވާ އޮލިމްޕިކް ސޮލިޑެރިޓީގެ ކޮމިޝަންގެ ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. އެ ބައްދަލުވުމުގައި ކުޅިވަރުގެ ކޯޗުންނާއި އެޑްމިނިސްޓްރޭޓަރުން ތަމްރީނުކުރުމާއި އެތުލީޓުން ބިނާކޮށް ކުރިއެރުވުމުގައި ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރަން ވަނީ ނިންމާފަ އެވެ.

އޮލިމްޕިކް ސޮލިޑެރިޓީ ކޮމިޝަނުން އެ ބައްދަލުވުން ކޮންމެ އަހަރަކު ވެސް ބާއްވާ އިރު، އޮލިމްޕިކް ސޮލިޑެރިޓީ އަކީ ގައުމީ ފެޑަރޭޝަންތައް ބިނާކޮށް ކުރިއެރުވުމުގައި ބައިނަލްއަގްވާމީ އޮލިމްޕިކް ކޮމިޓީން އެންމެ އިސް ދައުރެއް އަދާކުރާ މުއައްސަސާ އެވެ.