10 Mar 2015, 16:13
ޖިންސީ ގުޅުން ހިންގުމަށް ބޭނުން ކުރާ އާލަތާއި މަނާ ބޭހާއި މަސްތުވާތަކެއްޗާއި އެކު އަންހެނަކާއި ހަތަރު ފިރިހެނުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެގޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 19 ރަބަރު ޕެކެޓާއި ބްލެޓް ސައިޒުގެ ދެ ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ދެ ބިޑިއަކާއި މަނާ ބޭސްތަކެއްގެ އިތުރުން މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ޖިންސީ ގުޅުން ހިންގުމަށް ބޭނުންކުރާ އާލާތްތައް ފުލުހުން ހޯދާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި އުމުރުން 21 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެއްގެ އިތުރުން 24 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން 21 އަހަރުގެ މީހާއަކީ އަމުރަށް ނުކިޔަމަންތެރިވުމާއި މަސްތުވާތަކެއްޗާއި މާރާމާރީގެ އިތުރުން ފޭރުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި 25 އަހަރުގެ މީހާއަކީ މަސްތުވާތަކެއްޗާއި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ފޭރުމާއި ގަސްތުގައި ފުލުހަކަށް އަނިޔާކުރުމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހަކަށްވާއިރު 20 އަހަރުގެ މީހާއަކީ މަސްތުވާތަކެއްޗާއި ގްރޫޕް ހަދައިގެން ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި 33 އަހަރުގެ މީހާއަކީ ވައްކަމާއި މަސްތުވާތަކެއްޗާއި ބިރު ދެއްކުމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.