10 Mar 2015, 16:05
މި އަހަރު ރާއްޖެ އިން މީހުން އުމްރާއަށް ގެންދިއުމުގެ ހުއްދަ ތިން ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީ އިން ދީފި އެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ މި އަހަރު ރާއްޖެ އިން މީހުން އުމްރާއަށް ގެންދިއުމުގެ ހުއްދަ ތިން ކުންފުންޏަކަށް ދޫކޮށްފައި ވަނީ، ޝައުގުވެރިވާ ކުންފުނިތަކުން އެކަމަށް އެދުމަށް އެންމެ ފަހުން ހުޅުވާލި ފުރުސަތުގައި އެދުނު ކުންފުނިތައް އެވަލުއޭޓް ކުރުމަށްފަހުގައި ކަމަށެވެ.
އެގޮތުން އިއްޔެ ހުއްދަ ދޫކުރި ކުންފުނިތަކަކީ، ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕާއި ޒަމްޒަމް ހައްޖު އެންޑް އުމްރާ ޓްރެވަލްސް އަދި އަލް ސަފާ ގްރޫޕް ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
މިއަހަރު އުމްރާ އަށް ގެންދިއުމަށް ބޭނުންވާ އަމިއްލަ ކުންފުނިތަކުން އެކަމަށް އެދި ހުށަހެޅުމަށް އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓްރީ އިން ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އަދި އެ އިއުލާނަށް ހުޅުވާލި ފުރުސަތު މިދިޔަ ޑިސެމްބަރު މަހު ހަމަވުމުން، އެ މުއްދަތު މިދިޔަ މަހުގެ 26 ވަނަ ދުވަހަށް އިސްލާމިކް މިނިސްޓްރީން އިތުރުކުރި އެވެ.
މިއަހަރު ރާއްޖެ އިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ފުރަތަމަ ތިން ކުންފުންޏަކަށް ދީފައިވާ އިރު، އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ އަމިއްލަ ކުންފުނިތަކުން އިތުރު ވަގުތު ދިނުމަށް އެދި ހުށަހަޅަމުންދާތީ، އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީ އިން ތިން ވަނަ ފަހަރަށް އިތުރުކޮށްދީފަ އެވެ.
އެގޮތުން، އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އުމްރާ އަށް މީހުން ގެންދަން އެދުމަށް ފުރުސަތު މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފަ އެވެ.