10 Mar 2015, 16:03
އޭއެފްސީ ކަޕްގައި އެ ޓީމް ކުޅޭ ދެވަނަ މެޗުގައި މާދަމާ ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބް ލާއޮސްގެ ލާއޯ ޓޮޔޯޓާ އެފްސީއާ ދެކޮޅަށް ނިކުންނަ އިރު، ޓީމްގެ ކުޅުންތެރިންނަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށް ނިއުގެ ކޯޗުކަމާ ވަގުތީ ގޮތުން ހަވާލުވެ ހުރި އެ ކްލަބްގެ އެކެޑެމީ ކޯޗް ސޮބާހު މުހައްމަދު (ސޮބާ) ބުނެފި އެވެ.
މިއަދު ބޭއްވި ޕްރީ މެޗް ޕްރެސްގައި ވާހަކަ ދައްކަމުން ސޮބާ ބުނީ ނިއުރޭޑިއެންޓުގައި ތިބި ގިނަ ސީނިއާ ކުޅުންތެރިންނަކީ އޭއެފްސީ ކަޕްގައި މީގެ ކުރިން ވެސް ކުޅެފައި ތިބި ކުޅުންތެރިން ކަމަށެވެ. އަދި މި މެޗަށް ކުޅުންތެރިން ތިބީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށާއި، އެންމެ ފަހުން ކުޅުނު މެޗުން ބަލިވުމަކީ މި މެޗުގައި ޕްރެޝަރ އިހުސާސްކުރެވޭނެ ސަބަބެއް ނޫން ކަމަށް ވެސް ސޮބާ ބުންޏެވެ.
"ގާތްގަނޑަކަށް ނިއުގައި ތިބި ހުރިހާ ކުޅުންތެރިންނަކީ ވެސް މީގެ ކުރިން އޭއެފްސީ ކަޕްގައި ކުޅެފައިވާ ކުޅުންތެރިން. އެހެން ކަމުން ކުޅުންތެރިންނަށް މާ ބޮޑު ޕްރެޝަރެއް ނެތް. ހުރިހާ ކުޅުންތެރިން ވެސް ތިބީ މާދަމާގެ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެ،" ސޮބާ ބުންޏެވެ.
"އެންމެ ފަހުން ކުޅުނު މެޗުން ބަލިވުމަކީ މި މެޗަށް އަސަރު ކުރާނެ ކަމެއް ނޫން. އެއީ އަވޭ މެޗެއް. އަދި އެ މެޗުގައި ނިއުއާ ދެކޮޅަށް ކުޅުނު ޕަސިބްއަކީ ރަނގަޅު ފެންވަރެއްގެ ޓީމެއް. އެހެން ކަމުން އެފަދަ މެޗެއްގައި އެފަދަ ނަތީޖާއެއް ނިކުމެދާނެކަމީ އެންމެންވެސް ގަބޫލްކުރާ ކަމެއް."
އޭއެފްސީ ކަޕްގެ ފުރަތަމަ މެޗުގައި އިންޑޮނޭޝިއާގެ މިދިޔަ ސީޒަންގެ ސުޕަ ލީގު ޗެންޕިއަން ޕަރސިބް ބަންޑަންގާ ދެކޮޅަށް ކުޅުނު މެޗުން ނިއު ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ. އެ މެޗަށް ފަހު ނިއުގެ ހެޑް ކޯޗް މިކާ ލޮންސްޓްރޮމް އާއި އެސިސްޓަންޓް ކޯޗް އިސްމާއިލް އަނިލް އެ ކްލަބުން ވަނީ ދޫކޮށްލާފަ އެވެ.
"ފުރަތަމަ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ނިއުގެ ކުޅުންތެރިންގެ ކޮންސަންޓްރޭޝަން ވަރަށް ދަށް. ދެވަނަ ހާފްގައި އަސްލު ނިއުގެ ކުޅުން ފެނުނު، ނަމަވެސް އޭރު ޕަރސިބް އޮތީ ތިން ލަނޑުގެ ލީޑެއް ނަގާފަ. އެފަދަ މެޗެއްގައި ފަހަތުން އަރާ ނަތީޖާ ހަމަހަމަ ކުރުން ވަރަށް އުނދަގޫ ވާނެ. ނަމަވެސް މާދަމާ ކުޅޭނީ ހޯމްގައި. މި މުބާރާތުގެ ހޯމް މެޗުތަކުން ތިން ޕޮއިންޓް ހޯދުމަކީ އަޅުގަނޑުމެންގެ ޓާގެޓް. އިރާދަކުރެއްވިއްޔާ މާދަމާގެ މެޗަށް ނިކުންނާނީ މޮޅުވާން،" ސޮބާ ބުންޏެވެ.
އޭގެ އިތުރުން ސޮބާ ވަނީ ހޯމް މެޗެއްގެ އެންމެ ބޮޑު އެޑްވާންޓޭޖަކީ ޓީމްގެ ސަޕޯޓަރުންކަން ފާހަގަކޮށް، ވީހާ ވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަދެ ޓީމަށް ސަޕޯޓު ކޮށްދެއްވުމަށް އެދިފަ އެވެ. ސޮބާގެ އިތުރުން ނިއުގެ ކެޕްޓަން އައްސަދު އަލީ (އަޑޭ)ވެސް ސަޕޯޓަރުން ދަނޑަށް ވަނުމަށް އެދިފައިވާ އިރު، އަޑޭ ވަނީ މާދަމާގެ މެޗުގައި ސަޕޯޓަރުން ހިތްހަމަ ޖެހޭ ވަރުގެ ކުޅުމެއް ދައްކަދޭނެ ކަމަށް ބުނެފަ އެވެ.
"މި ކްލަބްގެ ހާލަތު އަޑިއަޅާލާފައިވާ ވަގުތެއްގައި ސަޕޯޓަރުން ދަނޑަށް ވަޑައިން ޓީމަށް ސަޕޯޓު ކޮށްދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮދު އެދުމެއް. އެންމެ ފަހުން ކުޅުނު މެޗުން ބަލިވިޔަސް، މި މެޗަށް ނިކުންނާނީ ފަސް ހަ ވަރަކަށް ލަނޑު ޖަހައިން މޮޅުވާން. އިރާދަކުރެއްވިއްޔާ ސަޕޯޓަރުން ބަލާހިތްވާ ކަހަލަ ރީތި ކުޅުމެއް މެޗުގައި ޓީމްގެ ފަރާތުން ފެންނާނެ،" އަޑޭ ބުންޏެވެ.