ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ މިދިޔަ އަހަރުގެ ހިސާބުތައް ބަލަހައްޓާފައި ވަނީ ގާނޫނުތަކާއި ގަވާއިދުތަކާ އަދި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަކަށް ކަމަށް އެޕާޓީ އިން ބުނެފި އެވެ.

ޕީޕީއެމް އިން މިއަދު ބުނީ އެ ޕާޓީގެ އޮޑިޓް ރިޕޯޓުން ހާމަވެފައިވާ ގޮތުގައި ޕީޕީއެމްގެ ފައިސާގެ ކަންކަން މިދިޔަ އަހަރު ގެންގޮސްފައި ވަނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ވަރަށް ރަނގަޅަށް ކަމަށެވެ. އަދި ފައިސާގެ ހުރިހާ މުއާމަލާތެއް ކުރެވި ހިސާބުތައް ބަލަހައްޓާފައި ވަނީ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ކަމަށް ޕީޕީއެމްގެ އޮޑިޓު ރިޕޯޓުން ހާމަވެފައިވާ ކަމަށް އެ ޕާޓީ އިން ބުނެ އެވެ.

މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓު އެންޑޯސް ކުރުމަށް ރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި މެމްބަރުން ވަނީ އެއީ ޕީޕީއެމް އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެކަން ފާހަގަކޮށްފަ އެވެ. ޕީޕީއެމް އިން ބުނީ އެއީ ސިޔާސީ ޕާޓީއެއްގެ އޮޑިޓް ރިޕޯޓެއްގައި އެފަދަ ސްޓޭޓްމަންޓެއް އޮތް ފުރަތަމަ ރިޕޯޓު ކަމަށެވެ.

"އޮޑިޓު ރިޕޯޓުގެ އިތުރުން 2014 ވަނަ އަހަރުގެ ޕީޕީއެމްގެ އަހަރީ ރިޕޯޓް ވެސް ވަނީ ރޭގެ ކައުންސިލް ބައްދަލުވުމުގައި އެންޑޯސް ކޮށްފައި އެވެ. އެ ރިޕޯޓަށް ބަލާލާއިރު 2014 ވަނަ އަހަރަކީ ހުރިހާ ގޮތަކުން ވެސް ޕާޓީއަށް ވަރަށް ކާމިޔާބު އަހަރެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ." ޕީޕީއެމް އިން ބުންޏެވެ.

އެ ޕާޓީ އިން ބުނީ މިދިޔަ އަހަރަށް އެ ޕާޓީ އިން ކަނޑައަޅާފައިވާ ގިނަ ލަނޑުދަނޑިތައް ހާސިލްކުރެވިފައިވާ ކަމަށެވެ.

ޕީޕީއެމް އިން ބުނީ އެ ޕާޓީގެ އޮޑިޓް ރިޕޯޓު ތައްޔާރުކޮށްފައި ވަނީ ދުނިޔޭގެ މަޝްހޫރު އޮޑިޓު ފާމެއް ކަމުގައިވާ އާންސްޓް އެންޑް ޔަންގު އިން ކަމަށެވެ.