ޕެރޯލްބޯޑުން ނިންމާ ނިންމުމާ މެދު ހިތް ހަމަނުޖެހޭނަމަ ޝަރީއަތަށް މައްސަލަހުށައެޅޭ ގޮތް ފަހިކޮށް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށައެޅި 95 އިސްލާހު މަޖިލީހުން މިއަދު ބަލައިގެންފި އެވެ.

މި އިސްލާހު މަޖިލީހުން މިއަދު ބަލައިގަތީ 47 މެމްބަރުންގެ ވޯޓާ އެކު އެވެ. މި އިސްލާހު މަޖިލީހަށް ބަލައި ގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ. މަޖިލީހުގެ ވޯޓަށް އެހި ވަގުތުގައި ވެސް އެމްޑީޕީގެ މެމްބަރުން ވަނީ ހުއްޓާ ނުލާ އިހުތިޖާޖު ކޮށްފައި އެވެ.

ޕެރޯލް ބޯޑަށް ހުށަހެޅި އިސްލާހުގައިވާ ގޮތުގައި ހުކުމް ތަންފީޒު ކުރާ މީހަކަށް ޕެރޯލްގެ ފުރުސަތު ލިބި ޕެރޯލްއާއި ގުޅޭ ގޮތުން ޕެރޯލް ބޯޑުން ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ ނިންމުން ނިންމިތާ 60 ދުވަހުގެ ތެރޭގައި ޝަރީއަތަށް ހުށަހެޅުމުގެ ހައްގު ހުކުމް ތަންފީޒުކުރާ މީހަކަށް ލިބިގެންވެ އެވެ. އެ މައްސަލަ ޝަރީއަތަށް ހުށަހެއެޅޭނީ ޕެރޯލް ބޯޑުން ނިންމާ ނިންމުން އަލުން މުރާޖާކޮށްދިނުމަށް ދެވަނަ ފަހަރަށް އެ ބޯޑަށް ހުށައަޅައި ނިންމާ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ އެވެ.

ބިލު ހުށަހެޅުއްވި މެމްބަރު ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތެއް ނަމަ، ޖަލުން ފިލައިގެން ނުވަތަ ބޭސްފަރުވާ އަށް ވެސް ޖަލުން ބޭރުގައި ހޭދަ ކުރާ ދުވަސްތައް، ހުކުމް ތަންފީޒު ކުރާ ދުވަސްތަކުގެ ތެރޭގައި ނުހިމެނޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ހުށައަޅާފައި ވާނެ ކަމަށެވެ. ޖަލުތަކާ ޕެރޯލްގެ ގާނޫނު އެކުލަވާލާފައި ވަނީ ގައިދީން އެކި ބޭނުންތަކަށް ނުވަތަ ފިލައިގެން ޖަލުން ބޭރުގައި ހޭދަކުރާ ދުވަސްތަކަކީ ހުކުމް ތަންފީޒު ކުރާ ދުވަސްތަކުގެ ގޮތުގައި ހިމެނޭ ގޮތަށެވެ.

ސަރުކާރުގެ ފަރާތުން ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ހުށައެޅި އިސްލާހުތައް ފާސްވެއްޖެ ނަމަ ޖަލުގައި ތިބޭ ގައިދީންނެކޭ އެއްފަދައިން ކުށެއްގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ތިބޭ މީހުންނާ މެދު ވެސް އަމަލުކުރަން ޖެހޭނީ އެއް އުސޫލަކުން ކަމަށް ޖަމީލު ވިދާޅުވި އެވެ.

ރައީސް ވަހީދު އެ ބިލް އަނބުރާ މަޖިލީހަށް ފޮނުވާލެއްވީ އެ ބިލްގައި ގާނޫނީ ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް އޭރުގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ލަފާދެއްވާފައިވަނިކޮށެވެ. އެހެންނަމަވެސް އެއިރު މަޖިލީހުން ދެވަނަ ފަހަރަށް އެ ބިލް ފާސްކޮށްފައި ވަނީ ބަންޑާރަ ނައިބު ފާހަގަކުރެއްވި އެއްވެސް ކަަމަކަށް ރިއާޔަތްކުރެއްވުމެއް ނެތިއެވެ.