އަރަބިއްޔާ ސުކޫލުގެ ހަތް ބުރީގެ އައު އިމާރާތް އެޅުމަށް ބިޑު ކުރުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ޑެންޑާ އިވެލުއޭޝަން ބޯޑުގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް މިއަދު ވިދާޅުވީ ކުރިން ނިންމާފައި އޮތީ މިއަދު ބިޑްތައް ހުޅުވުމަށް ކަމަށެވެ. އެހެނަސް ބިޑް ޑޮކިޔުމަންޓްސް ގަތް ބައެއް ފަރާތްތަކުން ތައްޔާރުވުމަށް އިތުރަށް ވަގުތު ބޭނުންވާ ކަމަށް ބުނުމުން މިހާރު އާދިއްތަ ދުވަހާ ޖެހެންދެން ބިޑުތައް ބަލައިގަންނަމުން ގެންދާނެ ކަމަށާއި ބިޑްތައް ހުޅުވުން އޮންނާނީ އަންނަ ހޯމަ ދުވަހުގެ މެންދުރު 2:00 އިރު ކަމަށެވެ.

"އެ ބޭފުޅުން ރިކުއެސްޓް ކުރެއްވީ ތައްޔާރު ވެލަން އަދި ވަގުތު ކޮޅެއް ބޭނުންވާ ވާހަކަ. އެހެންވެ މިހާރު ހޯމަ ދުވަހަށް މި ފަސްކޮށްލީ. އެދުވަހު މެންދުރު ދޭ އްޖަހާއިރު އިރާދަކުރެއްވިއްޔާ ބިޑު ހުޅުވުން ބާއްވާނަން. މިހާރު އާދިއްތަ ދުވަހާ ޖެހެންދެން ބިޑް ޑޮކިޔުމަންޓްސް ބަލައިގަންނާނަން،" ސާމީ ވިދާޅުވި އެވެ.

އަމީނިއްޔާ ސްކޫލް ކުރިމަތީގައި އޮންނަ ކުރީގެ އީޕީއެސް ސްކޫލް ހިންގި، މއ. ޗާނދަނީގޭގައި އަޅާ ހަތް ބުރީގެ އިމާރާތަށް މިހާތަނަށް 17 ފަރާތަކުން ބިޑް ޑޮކިޔުމަންޓް ގަނެފައިވާ ކަމަށް ސާމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަރަބިއްޔާ ސުކޫލް އިމާރާތް ކުރުމަށް އައިމާ އާއި އަމިން އާއި އެލިއާ އަދި ޖައުސާ ފަދަ ބޮޑަތި ކުންފުނިތަކުން ބިޑް ޑޮކިޔުމަންޓްސް މިހާރު ވެސް ގަނެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެފަރާތްތަކާ އެކު ޕުރީބިޑް މީޓިން މިދިޔަ ހަފްތާގައި ބޭއްވި ކަމަށެވެ.

މާލޭގައި އެންމެ އުސްކޮށް ބިނާ ކުރާ ސްކޫލް، އަރަބިއްޔާ ސުކޫލަކީ 500 ކުދިންގެ ޖާގައިގެ އިމާރާތެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ. އެ ސުކޫލްގައި28 ކުލާސްރޫމުގެ ނަމާދުކުރާ ތަނަކާއި ހޯލަކާއި ކޮމްޕިއުޓަރު ލެބާއި ލެބޯޓްރީއެއް ހުންނާނެ ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ.

މި އަހަރު މަސައްކަތް ފަށައި އަންނަ އަހަރު މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ އަރަބިއްޔާ ސްކޫލު އެޅުމަށް 38 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ލަފާކޮށްފައި ވިޔަސް އެ ސްކޫލު އެޅުމަށް މި އަހަރު ބަޖެޓުކޮށްފައި ވަނީ އަށް މިލިއަނެއްހާ ރުފިޔާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ.