މިދިޔަ މަހު ރާއްޖެ އަށް 517 މިލިއަން ރުފިޔާގެ ތެލުގެ ބާވަތްތައް އެތެރެކޮށްފައިވާ ކަމަށް ކަސްޓަމުސްގެ ތަފާސް ހިސާބްތަކުން ދައްކައިފި އެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބްތަކަށް ބަލާ އިރު މިދިޔަ މަހު ރާއްޖެ އަށް އިމްޕޯޓްކުރި މުދަލުގެ ތެރެއިން އަގުގެ ގޮތުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ތެލުގެ ބާވަތްތަކަށެވެ. އެއީ 517.6 މިލިއަން ރުފިޔާ ކަމަށްވާ އިރު އެއީ މިދިޔަ މަހު ރާއްޖެ އަށް އެތެރެކުރި ތަކެތީގެ 22 ޕަސެންޓެވެ.

ވޭތުވެ ދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ރާއްޖެ އަށް މުދާ އެތެރެކުރި މިންވަރު 20 ޕަސެންޓް އިތުރުވެ ރާއްޖެ އިން މުދާ އެކްސްޕޯޓް ކުރި މިންވަރު 17 ޕަސެންޓް އިތުރުވެފައިވާ އިރު ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތައް އިމްޕޯޓް ކުރުމަށެވެ. އެއީ 361.4 މިލިއަން ރުފިޔާ އެވެ. ތިންވަނަ އަށް އެންމެބޮޑު ހޭދައެއް ކޮށްފައިވާ މެޝިނަރީ އާއި އިލެކްޓްރޯނިކްސްގެ ބާވަތްތައް އިމްޕޯޓްކުރުމަށް 318.7 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ފެބްރުއަރީ މަހު ރާއްޖެއަށް މުދާ އިމްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ ފެބްރުއަރީމަހާ އަޅާބަލާ އިރު 20 ޕަސެންޓް މައްޗަށް ގޮސްފައިވާ އިރު މިދިޔަ މަހު ރާއްޖެ އަށް 2,337.6 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެ އެވެ. މިދިޔަ މަހު އެންމެ ގިނައިން އިތުރުވެފައި ވަނީ ތެލުގެ ބާވަތްތަކާއި މެޝިނަރީ އަދި އިލެކްޓްރޯނިކްސްގެ ބާވަތްތަކެވެ. އެގޮތުން ތެލުގެ ބާވަތްތަކުން 45 ޕަސެންޓް ވަނީ އެމުއްދަތުގައި އިތުރުވެފަ އެވެ. މިދިޔަ މަހު އެކްސްޕޯޓް ކުރެވުނު މިންވަރު އަހަރުން އަހަރަށް ބަލާއިރު 17 ޕަސެންޓް އިތުރުވެފައިވާ އިރު މިދިޔަ މަހު 180.0 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ.

ފާއިތުވި ފެބްރުއަރީ މަހު ދިވެހިރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. ދެވަނައަށް އެންމެ ގިނައިން އިމްޕޯޓްކޮށްފައި ވަނީ ސިންގަޕޫރުންނެވެ. ތިންވަނަ އަށް އެެންމެ ގިނައިން އިމްޕޯޓްކޮށްފައި ވަނީ އިންޑިއާ އިންނެވެ.

މިދިޔަ މަހު ރާއްޖެ އިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައި ވަނީ ތައިލެންޑަށެވެ. އެގައުމަށް 27.8 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާ އިރު ދެވަނައަށް އެންމެ ގިނައިން އެކްސްޕޯޓްކޮށްފައި ވަނީ އިނގިރޭސިވިލާތަށެވެ. އިގިރޭސިވިލާތަށް 22.8 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ. ތިންވަނަ އަށް އެންމެ ގިނައިން އެކްސްޕޯޓްކޮށްފައި ވަނީ ސައުތު ކޮރެއާއަށެވެ. އެއީ 22.3 މިލިއަން ރުފިޔާގެ މުދަލެވެ.