10 Mar 2015, 13:28
ބޯފެނަށް ޖެހިގެން 32 ރަށަކުން ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް ހުށަހަޅާފައިވާ ކަމަށް އެ ސެންޓަރުން ބުނެފި އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަގު އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ކޮންމެ އަހަރަކު ވެސް ހޫނު މޫސުމާ ދިމާކޮށް ރަށްތަކުން ބޯފެން ހުސްވުމާ ގުޅިގެން ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މި އަހަރުގެ ޖެނުއަރީ މަހު، ފެން ފޯރުކޮށްދިނުމުގެ ފުރަތަމަ ބުރުގައި އެއް ރަށަށް، އަދި ދެ ވަނަ ބުރުގައި ހަ ރަށަކަށް ފެން ފޯރުކޮށްދީފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ. އަދި ތިން ވަނަ ބުރުގައި 11 ރަށަކަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ފެނަށް ޖެހިގެން މިހާތަނަށް ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅާއި ކ. އަތޮޅާއި ވ. އަތޮޅުގެ އިތުރުން ތ. އަތޮޅާއި ނ. އަތޮޅުން ވެސް ފެނަށް އެދިފައިވާ ކަމަށެވެ. މީގެ އިތުރުން ގއ. އާއި ގދ. އަތޮޅުން ވެސް ފެނަށް އެދިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުން ބުނެ އެވެ.
އެ ސެންޓަރުން ވާހަކަ ދެއްކި އޮފިޝަލު ވިދާޅުވީ ރަށްރަށަށް ފެން ފޯރުކޮށްދެނީ އެ ރަށަކަށް ފެން ބޭނުންވާ ވަރަށް ބެލުމަށް ފަހު ކަމަށެވެ. އެގޮތުން ކޮންމެ ރަށެއްގެ ވެސް އިޖުތިމާއީ ތާނގީތަކަށް ފެން އަޅައިދެމުން އަންނަ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.