ސިވިލް ސާވިސް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުގެ ތަޅުމަށް ފޮނުވުމުގެ ކުރިން މަޖިލީހުގެ އިދާރާ އިން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް އަލުން އަނބުރާ ފޮނުވާލި ސަބަބު ހޯދަން ޖެހޭ ކަމަށް އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުން ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ ކޮމިޓީގެ ވަގުތު އިތުރަށް ސަލާމަތް ކުރުމަށް ޓަކައި އެންމެ ފުރަތަމަ ވެސް ބިލު އަލުން ކޮމިޓީ އަށް ފޮނުވާލި ސަބަބު ހޯދަން ޖެހޭ ކަމަށެވެ.

"ގާނޫނު އަސާސީގައި ވެސް އަދި ގާނޫނުތަކުގައި ވެސް އެ އަނބުރާ ފޮނުވާލި ސަބަބު އެނގެން އޮންނަން ޖެހޭ. އެހެންވީމާ އަޅުގަނޑަށް ފެނޭ އެ ސަބަބު ހޯއްދަވައި ދެއްވާފައި އޭގެ ފަހުން މި ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން،" ވަހީދު ވިދާޅުވި އެވެ.

ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ވިދާޅުވީ ކޮމިޓީ އަށް އަލުން އަނބުރާ ދިވެހި ސިވިލް ސާވިސް ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނު މަޖިލީހުގެ އިދާރާ އިން ފޮނުވާނީ "ކޮންމެވެސް ސަބަބުތަކެއް" ހުރެގެން ކަމަށާއި އެ ސަބަބުތައް ހޯދުމަކީ މުހިއްމު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ސިވިލް ސާވިސްގެ ގާނޫނާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ހުކުމެއް ނެރެފައި އޮންނާނެ ކަމަށެވެ. އެހެންކަމުން އެ ހުކުމުގެ ކޮޕީއެއް ވެސް މެމްބަރުންގެ މޭޒުމަތީގައި ބޭއްވުމަކީ މުހިއްމު ކަމެއް ކަމަށް މުހައްމަދު ހުސައިން ވިދާޅުވި އެވެ.

ސިވިލް ސާވިސް ގާނޫނު އިސްލާހު ކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ ހ. ގައި ވަރަށް ސާފުކޮށް އެންމެނަށް ވެސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވޭނެ ކަމަށް ބުނެފައި އޮންނައިރު، ސިވިލް ސާވިސްގެ ގާނޫނުން ސިވިލް ސާވަންޓުންގެ އެ ހައްގު ނިގުޅައިގެންފައިވާ ކަމަށެވެ.

ރޭ ބޭއްވި މިނިވަން މުއައްސަސާތަކުގެ ބައްދަލުވުމުގައި މެމްބަރުން ވަނީ މި މަސް ނިމުމުގެ ކުރިން ދިވެހި ސިވިލް ސާވިސް ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ނިންމުމަށް މެމްބަރުންގެ މެދުގައި އިގުރާރުވެފަ އެވެ. މި ބިލު މަޖިލީހަށް ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އަހްމަދު މަނިކު އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ސިވިލް ސާވިސް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބުނެފައިވާ ގޮތުން ސިޔާސީ ހަރަކާތުގައި ސިވިލްސާވަންޓުންނަށް ބައިވެރިވެވޭނެ އެވެ. ނަމަވެސް މަގާމުގެ ހައިސިއްޔަތުން ލިބޭ ބާރެެއްގެ ބޭނުންކޮށްގެން ސިޔާސީ ހަރަކާތަކަށް ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށާއި ރަސްމީ ގަޑީގައި ސިޔާސީ ހަރަކާތުގައި ބައިވެރިވެގެން ނުވާނެ ކަމަށާއި ސިވިލް ސާވަންޓުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުޅެގެން ނުވާނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

ސިވިލް ސާވަންޓެއްގެ ވަޒީފާގައި ދެމިހުރިހާ ހިނދަކު ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވުމުގެ އިތުރަށް އެފަދަ ޕާޓީއެއްގެ މަގާމެއް ފުރުމާއި ޕާޓީއެއް އުފެއްދުމަށް ވެސް ހުށަޙަޅައިގެން ނުވާނެ ކަމަށް މަޑުއްވަދީ ދާއިރާގެ މެމްބަރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައި ބުނެފައިވެ އެވެ.