10 Mar 2015, 13:03
އޭއެފްސީ ކަޕްގައި މާދަމާ ރާއްޖޭގެ ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބް ލާއޮސްގެ ޓީމެއް ކަމަށްވާ ލާއޯ ޓޮޔޯޓާ އެފްސީއާ ދެކޮޅަށް ނިކުންނަ އިރު، އެ މެޗަކީ ފަސޭހަ މެޗަކަށް ވާނެ ކަމަށް ނުބެލެވޭ ކަމަށް ލާއޯ ޓޮޔޯޓާގެ މެނޭޖަރު ޑޭވް ބޫތު ބުނެފި އެވެ.
މެޗާ ބެހޭ ގޮތުން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަމުން މީގެ ކުރިން 2007 ވަނަ އަހަރު ވެލެންސިޔާއަށް ކޯޗުކަން ކޮށްދިން ޑޭވް ބުނީ ވޭތުވެ ދިޔަ އަހަރުތަކުގައި ރާއްޖޭގެ ފުޓްބޯޅަ ވަރަށް ބޮޑުތަން ކުރިއަރާފައިވާ ކަމަށެވެ. އަދި ނިއުއަކީ ރާއްޖޭގައި މި ފަހަކަށް އައިސް އޮތް އެންމެ ކާމިޔާބު ކްލަބްކަން ވެސް ޑޭވް ވަނީ ފާހަގަކޮށްފަ އެވެ.
"ކްލަބް ވެލެންސިޔާ ދޫކޮށް ރާއްޖެ އިން ދިޔަ ފަހުން، ފާއިތުވެ ދިޔަ އަހަރުތަކުގައި ރާއްޖޭގެ ފުޓްބޯޅަ ވަނީ ވަރަށް ބޮޑުތަން ކުރިއަރާފައި. ރާއްޖެ ވަނީ މިދިޔަ ދެ ތިން އަހަރު ގިނަ ބައިނަލްއަގްވާމީ މުބާރާތްތަކެއްގައި ވެސް ބައިވެރި ވެފައި. ނިއުއަކީ ޜާއްޖޭގައި އޮތް އެންމެ ކާމިޔާބު ކްލަބް. އެ ޓީމްގެ ކުޅުންތެރިންނަކީ ވަރުގަދަ، ފެންވަރު ރަނގަޅު ކުޅުންތެރިން. އެހެން ކަމުން މާދަމާގެ މެޗު ފަސޭހަ ވާނެ ކަމަކަށް ނުބެލެވޭ،" ޑޭވް ބުންޏެވެ.
އޭގެ އިތުރުން ޑޭވް ވަނީ މާދަމާގެ މެޗުގައި ލަނޑުތަކެއް ޖަހަން އަވަސްވެ ނުގަންނާނެ ކަމަށް ބުނެފަ އެވެ. އަދި ކުޅުތެރިން ލައްވާ ކުޅެން ވިސްނަނީ ހަމަޖެހިލައިން، ޑިފެންސަށް ވިސްނައިން ކަމަށް ޑޭވް ބުންޏެވެ.
މިދިޔަ އަހަރު ލާއޮސްގެ ޕްރިމިއާ ލީގާއި ފެޑަރޭޝަން ކަޕްގެ ރަނަރަޕްކަން ލާއޯ ޓޮޔޯޓާ ހޯދާފައިވާ އިރު، އޭއެފްސީ ކަޕްގައި މި އަހަރު އެ ޓީމް ވާދަކުރަނީ މުޅިން އަލަށެވެ. އަދި މުބާރާތުގައި އެ ޓީމް ކުޅުނު ފުރަތަމަ މެޗުގައި އަޔެޔަވަދީ ޔުނައިޓަޑް ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، އެ ޓީމް ވަނީ ފަހަތުން އަރާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މުޅިން އަލަށް އޭއެފްސީ މުބާރާތުގައި ވާދަކުރާ ނަމަވެސް، ލާއޯ ޓޮޔޯޓާގެ މެނޭޖަރު ޑޭވް ވަނީ ޓީމްގެ ކުޅުންތެރިން މާދަމާގެ މެޗުގައި ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމާމެދު އިތުބާރު އޮތްކަމަށް ބުނެފަ އެވެ.
"މި ޓީމް އޭއެފްސީ ކަޕަށް ނިކުންނަނީ މުޅިން އަލަށް. ނަމަވެސް ޓީމްގެ ކުޅުންތެރިންނާމެދު އިތުބާރު އެބޮތް. މި މުބާރާތުގައި އަލަށް ވާދަކުރިއަސް، ޓީމްގައި ބައިނަލްއަގްވާމީ މުބާރާތްތަކުގައި މީގެ ކުރިން ވާދަކޮށްފައިވާ ކުޅުންތެރިން އެބަތިބި. ރާއްޖޭގެ ފުޓްބޯޅައާ ދުރުވުމަށް ފަހު އެހާ ގާތުން އަހަރެން ރާއްޖޭގެ ކުޅުމެއް ނުބަލަން. ނަމަވެސް މާދަމާގެ މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އުންމީދު ކުރެވޭ،" ޑޭވް ބުންޏެވެ.
މާދަމާގެ މެޗަށް ނިކުންނައިރު ޓީމްގައި އުޅެނީ އެންމެ އިންޖަރީއެއްކަން ފާހަގަކުރަމުން، ޑޭވް ވަނީ މި މެޗުގެ ތައްޔާރީތައް ދިޔައީ ވަރަށް ރަނގަޅަށްކަން ފާހަގަ ކޮށްފަ އެވެ. އަދި ކުޅުންތެރިން ތިބީ މާދަމާގެ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރު ވެގެން ކަމަށް ވެސް ޑޭވް ބުންޏެވެ.
އޭއެފްސީ ކްޕަގައި ނިއު އާއި ލާއޯ ޓޮޔޯޓާ ބައްދަލުކުރާ މެޗު ކުޅެން ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 16:00ގައި، ގަލޮޅު ރަސްމީ ދަނޑުގަ އެވެ.