ގައުމީ އެއާލައިން މޯލްޑިވިއަން އަށް ފަސް ވަނަ ސީޕްލޭން ގެނައިދާ ދެ ވަނަ ހަފްތާގެ ތެރޭގައި ހަ ވަނަ ސީލް ޕްލޭން ވެސް ގެނެސްފި އެވެ.

މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "ސަން" އަށް ވިދާޅުވީ އެ ކުންފުނީގެ ހަ ވަނަ ސީޕްލޭން ރޭ ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އެސީޕްލޭންގެ ދަތުރުތައް 10 ވަރަކަށް ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވެސް ނަޝާތު ވިދާޅުވި އެވެ.

އެ ކުންފުންޏަށް ގެނެސްފައިވާ ހަ ސީޕްލޭނަކީ ވެސް "ޑީއެޗް ސިކްސް ޓްވިން އޮޓާ އެއާކްރާފްޓް"ގެ ބޯޓް ތަކެކެވެ.

މޯލްޑިވިއަންގެ ސީޕްލޭންތައް ދަނީ ތ. އަތޮޅަށާއި ބ. އަތޮޅުގެ އިތުރުން ދ. އަތޮޅަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. އަދި ހއ. އަތޮޅަށް ޗާޓަރު ދަތުރުތައްކުރަމުންނެވެ. އަދި ޗާޓާ ދަތުރުތައް އެހެން އަތޮޅުތަކަށް ވެސް ކުރެ އެވެ.

ގައުމީ އެއާލައިނުން ސީ ޕްލޭންގެ ހިދުމަތް ދިނުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.