10 Mar 2015, 12:57
ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ރަޝިޔާއަށް ފުރާވަޑައިގެންފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ހިޝާން ވަޖީހު ވިދާޅުވީ އެމަނިކުފާނުގެ އެ ދަތުރުފުޅަކީ ރަޝިޔާގެ ޕްރޮސިކިއުޓާ ޖެނެރަލް ޔޫރީ ޔަކޮވްލެވިކް ޗައިކާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާނީ ޖިނާއީ ރޮނގުން އެހީތެރިކަން ބަދަލުކުރުމާއި ކުށްވެރިން ބަދަލުކުރުމާ ބެހޭ ގޮތުންނެވެ.
އެމަނިކުފާނުގެ އެ ދަތުރުފުޅުގައި ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަހުމޫދު ސަލީމާއި ޕީޖީ އޮފީހުގެ ލީގަލް އެފެއާޒު ޑިރެކްޓަރު މުހައްމަދު އިޔާޒުވެސް ބައިވެރިވެވަޑައިގަތެވެ.
މުހުތާޒު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރަޝުޔާގެ ޕްރޮސިކިއުޓާ ޖެނެރަލް ވެސް ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.