ހަތިޔާރުތަކެއް ފެނުނު މައްސަލައެއްގައި ސްރީލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސާގެ ކޮއްކޮ، އަދި ކުރީގެ ޑިފެންސް ސެކްރެޓަރީ ގޮތަހަބަޔާ ރާޖަޕަކްސާގެ ޕާސްޕޯޓް ކޯޓުން ހިފަހައްޓައި އޭނާ ގައުމުން ބޭރަށް ފުރުން މަނާކޮށްފި އެވެ.

ބީބީސީ އިން އިއްޔެ ބުނީ ގޮތަހަބަޔާ ރާޖަޕަކްސާ އުފެއްދި އަމިއްލަ ސިކިއުރިޓީ ފާމަކަށް ނިސްބަތްވާ ހަތިޔާރު ބޯޓެއް ފެނުނު މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

އެ ސިކިއުރިޓީ ފާމުން ބުނީ އެ ހަތިޔާރަކީ ވިޔަފާރީގެ އުސޫލުން ބޭރަށް ފޮނުވުމަށް ގެންގުޅުނު ހަތިޔާރެއް ކަމަށެވެ. ނަމަވެސް ފުލުހުން ބުނީ އެ ހަތިޔާރަކީ ހަމަނުޖެހުން ހިންގުމަށް ބޭނުން ކުރަން އުޅުނު ހަތިޔާރެއް ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ގޮތަހަބަޔާ އާއި އޭނާގެ ބޭބެ އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ އެ ތުހުމަތުތަކަށް އިންކާރު ކުރެ އެވެ. އަދި ބުނީ ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

ގޯލްގައި ހުންނަ ޕޯޓް ސިޓީގެ މެޖިސްޓްރޭޓް ވަނީ ގޮތަހަބަޔާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރުކޮށްފަ އެވެ. އަދި އޭނާއާ އެކު އިތުރު ތިން މީހެއްގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.

"އެވެންޓް ގާޑް ސިކިއުރިޓީ ފާމްގެ ފްލޯޓިން އާމަރީ ކޭހުގެ މައްސަލަ ފުލުހުން އަންނަނީ ތަހްގީގު ކުރަމުން." ފުލުހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ކުރީގެ ރައީސް މަހިންދާ ރާޖަޕްކްސާ އިންތިހާބުން ބަލިވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލަންކާގެ ދެކުނުން ވަނީ ފްލޯޓިން އާމަރީއެއް ފެނިފަ އެވެ. އަދި ހަމަ އެހެންމެ ކަލަމްބޯ އިން ވެސް ވަނީ އެފަދަ އާމަރީއެއް ފެނިފަ އެވެ. މެޝިން ބަޑިއާ އެކު 3000 ހަތިޔާރު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ބީބީސީގެ ކޮރެސްޕޮންޑެންޑް ބުނީ ގޮތަހަބަޔާގެ މައްޗަށް ކުރާ ތުހުމަތަކީ ހަމަ އެކަނި އެއީ ނޫން ކަމަށެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ސަންޑޭ ލީޑާގެ އެޑިޓަރު ލަސަންތާ ވިކްރަމަތުންގާގެ މަރުގެ މައްސަލަ ވެސް ހިމެނޭ ކަމަށެވެ.