ކެފޭއެއްގައި ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި ގާޒީ އަބްދުލް ބާރީ ޔޫސުފް ތިއްބަވަނިކޮށް އެތަނަށް ދިޔަ ނޫސްވެރިންނަށް ބިރުދައްކައި ވީޑިއޯތައް ޑިލީޓްކުރި އިރު އެތަނުގައި ފުލުހުން ތިބެ އެކަން ނުހުއްޓުވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ އާންމުކޮށް ހުޅުވާލެވިފައިވާ ރެސްޓޯރެންޓެއްގައި ސެލްފީ ނެގޭ އިރު ނޫސްވެރިޔަކު ވަދެ ވީޑިއޯ ކުރުމަކީ ކުރެވޭނެ ކަމެއް ކަމަށާއި އެ ފުޓޫޖަކީ ރެސްޓޯރެންޓުގެ ވެރިފަރާތާ ގުޅޭ ފުޓޭޖަކަށް ވުމުން އެފުޓޭޖް ފޮހެލާކަށް ނޭނގޭނެ ކަމަށެވެ. އެ ވީޑިއޯތައް ޑިލީޓް ކުރަން އެންގި އިރު އެތަނުގައި ފުލުހުން ތިބެ އެކަން ނުހުއްޓުމަކީ ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށް މޮންދު ވިދާޅުވި އެވެ.

"ރާއްޖެޓީވީގެ ފުޓޭޖް ފޮހެލުމަށް އެންގިފަރާތަކުން އެންގި އިރު އެތަނުގައި ކޮންމެވެސް އެއް އިދާރާއެއްގެ ބޭފުޅުން ތިބުން، ތިއްބަ އެކަން ކުރެވިގެން ދިޔުމަކީ ވެސް އަޅުގަނޑުމެންނަށް ގަބޫލް ކުރެވޭ ކަމެއް ނޫން. އެހެންކަމުން ނޫސްވެރިންނަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފުލުހުންގެ އިދާރާއިން ވެސް އެކަށީގެންވާ ގޮތެއްގައި ދެވިފައި ނުވާކަން އެހާލަތުގައި ދެވިފައިނުވާކަން އަޅުގަނޑު ފާހަގަ ކުރަން،" މޮންދު ވިދާޅުވި އެވެ.

އެބައްދަލު ކުރެއްވުމުގައި ވާހަކަ ދައްކަވަމުން މީޑިއާ ކައުންސިލްގެ މެންބަރު އަހުމަދު ހަމްދޫން ވިދާޅުވީ މިހާރަކަށް އައިސް ނޫސްވެރިންނަށް ދިމާވަމުން މިދާ ދަތިތަކަކީ މީގެ ކުރިން ނޫސްވެރިންނަށް ދިމާނުވާ ފަދަ ދަތިތަކެއް ކަމަށެވެ. އެގޮތުން ކުރިމިނަލް ކޯޓުގެ ބައެއް ޝަރީއަތްތަކަށް ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ނުވަދެވޭ ގޮތަށް ނިންމާފައިވާ އިރު އެއީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށާއި ވަކިވަކި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅިކަމުގައި ވިޔަސް މުޅި އިދާރާގެ ހުރިހާ ނޫސްވެރިން ޝަރީއަތަށް ނުވަންދަން ނިންމުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންނަށް ދިމާވާ އެހެން ދަތިތަކަށް އަލިއަޅުވާލައި ހަމްދޫން ވިދާޅުވީ މުޒާހަރާތައް ކަވަރު ކުރުމަށް ވެސް ނޫސްވެރިންނަށް ދަތިތަކެއް ކުރިމަތި ވަމުން އަންނައިރު މަޖިލިސް ޖަލްސާތައް ދައްކާ އިރު ފީޑްކަނޑާލުމުން މަޖިލިސް ކަވަރު ކުރުމަށް ހުރަސްއެޅިފައިވާ ކަމަށެވެ. އެހެން ކަމުން އެގޮތަށް ފީޑުކަނޑާލާކަމުގައިވާ ނަމަ ނޫސްވެރިންނަށް މަޖިލިސް ކަވަރުކުރެވޭނެ އުސޫލްތަކެއް ހަމަޖައްސައިދީ މީޑިއާ ގެލެރީއެއް ހެދުމަށް އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަން ދެންނެވި ސުވާލެއްގެ ޖަވާބުގައި މުންދު ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތްތަކުން އަދި ހައްލެއް ފެނިފައިނުވާ ކަމަށެވެ. މީޑިއާތަކާ މެދު ފިޔަވަޅުއެޅުމުގެ ކުރިން އެކައުންސިލްއަށް އަންގާފައިނުވާ ކަމަށާއި އެކައުންސިލްގެ ފަރާތުން ނޫސްވެރިންގެ ހައްގުގައި ފުލުހުންނާ މަޝްވަރާ ކުރަމުންދާއިރު މިއަދު ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު އާ މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް މިއަދު ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެ ބުނާ ވީޑިއޯތަކެއް ޑިލީޓް ކުރީ ފުލުހުންގެ ހާޒިރުގައި ނޫން ކަމަށެވެ. އަދި އެ ވީޑިއޯގްރާފަރުން ފުލުސް އޮފީހަށް ގެންދިޔަ ކަމަށާއި ނަމަވެސް އެ މީހުންގެ އަތުން ވެސް އެއްވެސް އެފަދަ އެއްޗެއް ޑިލީޓްކޮށް ނައްތާލާފައި ނުވާނެ ކަމަށެވެ.