10 Mar 2015, 12:28
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައި ހުރި މައްސަލަތަކަކާ ގުޅިގެން އެކޮމިޝަންގެ ތަހުގީގު ޓީމުތައް އަތޮޅު ތެރޭގައި މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އޭސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކޮމިޝަނަށް މިދިޔަ އަހަރު ހުށަހަޅަފައިވާ މައްސަލަތަކުގެ ތެރެއިން، ތަހުގީގު ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން އަތޮޅުތަކަށް ގޮސް ބަލަން ޖެހޭ މައްސަލަތައް ތަހުގީގު ކުރުމަށް ޓަކައި މިދިޔަ މަހުގެ ހަތް ވަނަ ދުވަހުންފެށިގެން އެކޮމިޝަންގެ އިންވެސްޓިގޭޝަން ޓީމުތަކެއް އަތޮޅުތެރޭގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެގޮތުން ހަތެއް ފެބުރުއަރީން 27 ފެބުރުއަރީ އަށް އެ ކޮމިޝަންގެ ހަ ޓީމެއް ގއ. އަތޮޅާއި ގދ. އަތޮޅާއި އަދި ފުވައްމުލަކުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެދަތުރުތަކުގައި އެ ކޮމިޝަންގެ ތިން މެމްބަރުންނާއި 24 އިންވެސްޓިގޭޓަރުން ބައިވެރިވެފައިވާ ކަމަށް އޭސީސީން ބުނެ އެވެ. އަދި 150 އަށް ވުރެ ގިނަ މައްސަލަ އެ ތިން އަތޮޅަށް ކުރި ދަތުރުގައި ތަހުގީގުކޮށްފައިވާ ކަމަށް އެކޮމިޝަނުން ބުނެ އެވެ.
އޭސީސީ އިން ބުނީ ފެބުރުއަރީ މަހުގެ ކުރި ދަތުރުގެ އިތުރުން މިމަހުގެ ހަތް ވަނަ ދުވަހު ލ. އަތޮޅާއި އައްޑޫސިޓީ އާއި ކ. އަތޮޅުގައި އެ ކޮމިޝަންހެ ހަތަރު ޓީމެއް ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ. އެކޮމިޝަންގެ މެމްބަރަކާއި 20 އިންވެސްޓިގޭޓަރުންގެ ބައިވެރިވެގެން ކުރިއަށް ގެންދާ އެ ދަތުރުގައި މިމަހުގެ ހަތަކުން 27 އަށް 100 އަށް ވުރެ ގިނަ މައްސަލަ ތަހުގީގު ކުރުމަށް ނިންމާފައިވާ ކަމަށެވެ.