ރާއްޖޭގެ ޖަލުތައް ބަލަހައްޓަމުން ގެންދާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުއައްޒަފުންނަށް ގާނޫނުގައި އަންގާފައިވާ ގޮތުގެ މަތިން ކުރަން ލާޒިމް ކުރާ ހުވާ އެ މުއައްސަސާގެ 31 އޮފިސަރަކު ކޮށްފި އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ، މާފުށީ ޖަލުގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ހުވާ ކުރި އޮފިސަރުންގެ ތެރެއިން 10 އޮފިސަރުންނަކީ އެކި ސަބަބުތަކާ ހުރެ މީގެ ކުރީގައި ހުވާކުރުމުގެ ރަސްމިއްޔާތުތަކުގައި ބައިވެރި ނުވެވިފައިވާ އޮފިސަރުންނެވެ. އަދި ބާކީ 21 އޮފިސަރުންނަކީ މިހާރު ޕްރިޒަން އެކަޑަމީ އިން ކުރިއަށްގެންދާ އެންޓްރީ ލެވެލް ޓްރެއިނިން ޕްރޮގްރާމް ފުރިހަމަ ކުރަމުންގެންދާ ބައިވެރިންނެވެ.

އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ސުޕްރީމް ކޯޓު ގެ ފަނޑިޔާރު އޮނަރަބަލް އަބްދުﷲ އަރީފު ވިދާޅުވީ، ކޮންމެ އޮފިސަރަކު ވެސް ހުވާކޮށްފި ނަމަ އެ ހުވާގެމަތީގައި ސާބިތުކަމާ އެކު ދެމިހުންނަށް ޖެހޭނެ ކަމަށެވެ. އަދި އެ ކަހަލަ މަސައްކަތްތައް ކުރާ މުއައްސަސާތަކުގެ އޮފިސަރުންލައްވައި ހުވާކުރުވަނީ އެ މަސައްކަތްތަކަކީ ހާއްސަ މަސައްކަތަކަށް ވާތީ އާއި އެމަސައްކަތުގެ މުހިންމު ކަމުން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، ޖަލުތަކުގައި ތިބި ކުށްވެރިން ބެލެހެއްޓުމަކީ ވަރަށް ބޮޑު ހުނަރެއް އަދި ޒިންމާއެއް ކަމަށެވެ. އަދި އެޒިންމާ އަދާކުރުމުގައި ސާބިތުކަމާ އެކު ތިބުމަށް ހުރިހާ ޖަލު އޮފިސަރުންނަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.

"ރާއްޖޭގެ ޖަލުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއްދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަކީ ޖަލުތަކުގައި ތިބި ގައިދީން އަނބުރާ ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމައުއަށް ނެރެދިނުމުގެ ގާނޫނީ ވާޖިބު އަދާ ކުރާ ބައެއް ކަމަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރު އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް ވިދާޅުވީ، ގައިދީން އަނބުރާ މުޖުތަމައުއަށް ނެރުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގަމުން އަންނަ ކަމަށެވެ.

"ޖަލުތަކުގައި ބަންދުކޮށްފައިވާ ގައިދީން ރަނގަޅު ބަޔަކަށް ހެދުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރަމުން. އެގޮތުން އެމީހުންނަށް މަސައްކަތް އުނގަންނައިދީ، ކުރު މުއްދަތުގެ ކޯސްތަކާއި ދިގު މުއްދަތުގެ ކޯސްތައް ދަނީ ހިންގަމުން. އަދި އެ ޕްރޮގްރާމްތަކުގެ އެދެވޭ ނަތީޖާ މިހާރު ވެސް ފެންނަމުންދޭ،" ކޮމިޝަނަރު އޮފް ޕްރިޒަންސް ހުޝާމް ވިދާޅުވި އެވެ.