10 Mar 2015, 10:56
އިޓަލިއަން ސެރިއޭގައި ރޭ ސައްސުއޯލޯ އާއި ޔުވެންޓަސް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ސެރިއޭ ލީގު ތާވަލްގެ އެއްވަނައިގައި ޔުވެންޓަސް 11 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
ރޭގެ ކާމިޔާބީ އާއެކު ޔުވެންޓަސް މިހާރު ލީގުގައި މުޅިއަކު 61 ޕޮއިންޓް ހޯދާފައި ވާއިރު، އެ ޓީމާ އެންމެ ގާތުގައި އޮތް ރޯމާ ތާވަލްގެ ދެވަނައިގައި އޮތީ 50 ޕޮއިންޓާއެކު އެވެ. އަދި ރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު ސައްސުއޯލޯ މިހާރު ތާވަލްގެ 13 ގައި އޮތް އިރު، އެ ޓީމަށް ލިބިފައި ވަނީ 29 ޕޮއިންޓެވެ.
އަމިއްލަ ދަނޑުގައި ރޭގެ މެޗު ކުޅުނު ޔުވެންޓަސްއަށް، މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ 82 ވަނަ މިނެޓުގައި ޕޯލް ޕޮގްބާ އެވެ. މި ސީޒަންގައި ޕޮގްބާ އޭނާގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރީ ސައްސުއޯލޯއާ ދެކޮޅަށް ލީގުގައި ޔުވެންޓަސް މި ސީޒަންގައި ކުޅުނު ފުރަތަމަ މެޗުގައެވެ.
މެޗުގެ ފުރަތަމަ ވަގުތުކޮޅު ރަނގަޅު ކުޅުމެއް ދައްކާފައި ވަނީ ސައްސުއޯލޯ އެވެ. ނަމަވެސް 13 ވަނަ މިނެޓުގައި ޔުވެންޓަސް އުފެއްދި ކައުންޓާއެއްގައި އެ ޓީމްގެ ކްލައުޑިއޯ މާކީސިއޯ ވަނީ ސައްސުއޯލޯގެ ގޯލަށް ނުރައްކާ ކޮށްފައެވެ.
އެ ހަމަލާއާއެކު ޔުވެންޓަސް ކުޅުން ރަނގަޅުކޮށްފައި ވާއިރު، އެ ޓީމްގެ ޓެވޭޒް 22 ވަނަ މިނެޓުގައި ނެގި ބާރު ޝޮޓު ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިންނެވެ. އަދި ސައްސުއޯލޯގެ ފޯވާޑް ޑޮމެނިކޯ ބެރާޑީވެސް ޔުވެންޓަސްގެ ގޯލަށް އެ ހާފްގައި ނުރައްކާ ކޮށްފައި ވާއިރު، އެ ހާފްގައި ދެ ޓީމަށްވެސް ވަނީ ލީޑު ހޯދޭގޮތް ނުވެފައެވެ.
މެޗުގެ ދެވަނަ ހާފްގައި ޔުވެންޓަސްގެ ޓެވޭޒް އާއި އެވްރާ އަދި ޕޮގްބާ ފުރަތަމަ ވަގުތުކޮޅު ރަނގަޅު ހަމަލާތަކެއް އުފައްދާފައި ވާއިރު، އެ ހަމަލާތައް ސައްސުއޯލޯގެ ކީޕަރު އަންދްރެއާ ވަނީ ހުށިޔާރު ކަމާއެކު ދިފާއު ކޮށްފައެވެ. އަދި ހާފްގެ ފަހު ވަގުތުކޮޅުވެސް ޔުވެންޓަސް އުފައްދަމުން ދިޔަ ނުރައްކާތެރި ހަމަލާތަކުގެ ހުރަހަކަށް ވެފައި ވަނީ ސައްސުއޯލޯގެ ކީޕަރު އަންދްރެއާ އެވެ.
މެޗުގެ ތިން ޕޮއިންޓް ޔުވެންޓަސްއަށް ލިބުނީ މިޑްފީލްޑުން ބޯޅަ ހޯދުމަށް ފަހު، އެ ޓީމްގެ ޕެޕޭ ދިން ޕާސް ކޮންޓްރޯލް ކޮށް، ޕޮގްބާ ފޮނުވާލި ރީތި ޝޮޓުންނެވެ.