10 Mar 2015, 10:48
ރާއްޖޭގެ ގިނަ ރަށްތަކަކަށް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށާއި ގޮނޑޮދޮށްތައް ހިމާޔަތް ކުރުމަށް ސަރުކާރުން މިއަހަރު 350 މިލިޔަން ރުފިޔާ ހަރަދުކުރާނެ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބުރާހީމް ވިދާޅުވެއްޖެ އެވެ.
ތ. ކަނޑޫދުއާއި ވޭމަންޑޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް އެންވަޔަރްމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއަދު ކޮންޓްރެކްޓް ކުރި ދެ ރަށާ އެކު ޖުމްލަ ނުވަ ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށެވެ. މިހާރު މަސައްކަތް ހިނގަމުން އަންނަ ތިން ރަށާއި އެ ނުވަ ރަށް ހިމެނޭ ގޮތުން ގާތްގަނޑަކަށް 7.8 ކިލޯ މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"... އިތުރު ހަތް ރަށެއްގެ ކޮންޓްރެކްޓް އަދި ކުރެވިގެންދާނެ. އަދި މިހާރު ކުރިއަށްދާ ކޮންޓްރެކްޓް ކުރެވިފައި ހުރި މަސައްކަތްކަތާއި މަސައްކަތް ހިނގަމުންދާ ތިން ރަށުގެ މަސައްކަތާއި އެކު ގާތްގަނޑަކަށް 7.8 ކިލޯ މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި އަޅުގަނޑުމެން އެންމެ މަދުވެގެން ވެސް ކުރާނެ ވާހަކަ ދަންނަވަން. މިދެންނެވި 7.8 ކިލޯމީޓަރުގެ މަސައްކަތް އެއީ ގާތްގަނޑަކަށް 350 މިލިޔަން ދިވެހި ރުފިޔާފެ މަސައްކަތް ކަން ވެސް އަޅުގަނޑު ފާހަގަ ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.