ދުނިޔޭގެ މައްޝޫރު ކުންފުނި އެޕަލް އިން އަލަށް ބާޒާރަށް ނެރޭ ސްމާޓް ގަޑީގެ އަގުތައް ހާމަކޮށްފިއެވެ.

އެޕަލް ކުންފުންޏާއި ހަވާލާދީ ބީބީސީގައި ބުނެފައި ވަނީ، އަންނަ މަހުގެ 24 ވަނަ ދުވަހު ދުނިޔޭގެ ބާޒާރަށް ނެރެން ހަމަޖެހިފައިވާ އެ ސްމާޓް ގަޑީގެ އަގުތައް އުޅެނީ 348 ޑޮލަރާއި 17000 ޑޮލަރާއި ދެމެދުގަ އެވެ.

އަންނަ މަހު ދުނިޔޭގެ ބާޒާރަށް ނެރެން ހަމަޖެހިފައިވާ އެޕަލްގެ ސްމާޓް ވޮޗް --- ފޮޓޯ/ ސީނެޓް
އެޕަލް ވެބްސައިޓުގައި ވާގޮތުން އެ ގަޑިތަކުގެ 38 މޮޑެލް އެއް ބާޒާރަށް ނެރެން ހަމަޖެހިފައިވާ އިރު، އެޕަލްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އޯޑަރު ކުުރުމުގެ ފުރުސަތު އެޕްރިލް ދިހައެއްގެ ކުރިން ހުޅުވާލާނެ އެވެ.

އެ ގަޑިތަކާ ގުޅޭ ގޮތުން އެޕަލްގެ ޗީފް އެގްޒެކްޓިވް ޓިމް ކުކް ވިދާޅުވީ އެ ގަޑީގެ ބެޓަރީ ޗާޖް 18 ގަޑިއިރަށް ހުންނާނެ ކަމަށާއި ފުލްކޮށް ޗާޖްވާން ދެގަޑި އިރާ ތިރީސް މިނިޓް ނަގާނެ ކަމަށެވެ.
އަންނަ މަހު ދުނިޔޭގެ ބާޒާރަށް ނެރެން ހަމަޖެހިފައިވާ އެޕަލްގެ ސްމާޓް ވޮޗް --- ފޮޓޯ/ ސީނެޓް
އެ ގަޑިއަށް ހާއްސަކޮށްގެން އާ އެޕްލިކޭޝަންސް ތައް މިހާރު ވެސް ތައްޔާރުކޮށްފައިވާ ކަަމަށް އެޕަލްގެ ވެބްސައިޓުގައި ބުނެފައިވެ އެވެ. އެ ގަޑީގައި ބޭނުން ކުރެވޭ އެޕްލިކޭޝަންތަކުގެ ތެރޭގައި ފޭސްބުކް އަދި ވީޗެޓް ހިމެނެ އެވެ. އަދި ފޯން ކޯލް ރިސީވް ކުރުމަށާއި ފައިސާ ދެއްކުމަށް ބޭނުންކުރެވޭނެ ކަަމަށް ވެސް އެޕަލް އިން ބުނެ އެވެ.

އެހެންނަމަވެސް މި އެޕްލިކޭޝަންތައް ބޭނުންކުރަމަށް އައިފޯން ފަސް ނޫނީ އެއަށް ވުރެ ފަހުގެ އައިފޯނެއް އޮންނަން ޖެހެ އެވެ.
އަންނަ މަހު ދުނިޔޭގެ ބާޒާރަށް ނެރެން ހަމަޖެހިފައިވާ އެޕަލްގެ ސްމާޓް ވޮޗް --- ފޮޓޯ/ ސީނެޓް
އެޕަލް އިން އަލަށް ނެރޭ އެ ގަޑީގެ އެތައް މިލިއަން ގަޑިއެއް ވިއްކާނެ ކަމަށް ޓެކްނޮލަޖީ ދިރާސާ ކުރާ ފަރާތެއް ކަމަށްވާ ބެންވުޑް ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ވިދާޅުވެފަ އެވެ. އެޕަލް ގަޑީގެ ސޭލްސް އަންދާޒާކޮށްފައިވާ ފަރާތްތަކުން ލަފާކުރާ ގޮތުގައި މިއަހަރު ނިމުމުގެ ކުރިން 20 މިލިއަން ގަޑި ވިއްކާނެ އެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކުން އަންދާޒާ ކުރާ ގޮތުން މިއަހަރު އެޕަލް އަށް ވިއްކޭނީ އަށް މިލިއަން ގަޑިއެވެ.