10 Mar 2015, 10:40
ގާހިރާ (މާޗް 10) : އެމެރިކާ އިން މިސްރަށް ދޭ އަސްކަރީ އެހީތައް އިތުރު ކުރުމަށް މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ އެމެރިކާ އަށް ގޮވާލައްވައިފި އެވެ.
"ފޮކްސް ނިއުޒް" ޓީވީ ނެޓްވާކަށް ދެއްވި ބަސްދީގަތުމެއްގައި ސީސީ ވިދާޅުވީ މިސްރަކީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގައި އިސްސަފުގައި އުޅޭ ގައުމެއްކަން އެމެރިކާ ދަންނަން ޖެހޭ ކަމަށާ އެކަމަށް ޓަކައި ޓެރަރިޒަމާ އިދިކޮޅު ހަނގުރާމަ ކުރިޔަށްގެންދިޔުމަށް ޓަކައި އެމެރިކާ އިން މިސްރަށް ދޭ އަސްކަރީ އެހީތައް އިތުރު ކުރަންޖެހޭ ކަމުގަ އެވެ. އެކަހެރި ގޮތެއްގައި ޓެރަރިސްޓުންނާ ކުރިމަތިލުމަކީ މިސްރުގެ އިގްތިސާދަށް ކެތްނުވާވަރުގެ ބޮޑުކަމެއް ކަމަށާ އެެހެންކަމުން އެމެރިކާ ވަނީ މިކަމުގައި މިސްރާ އެކުގައިކަން މިސްރުން އިޙްސާސް ކުރާކަމަށް ވެސް ސީސީ ވިދާޅުވި އެވެ.
ސީސީ މިމޭރުމުން ވާހަކަ ދައްކަވާފައިމި ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ މާދަމާ މިސްރަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށެވެ. ކެރީ މިސްރަށް ވަޑައިގަންނަވަނީ ޝަރްމުއްޝައިޚްގައި ބާއްވާ އިންވެސްޓަރުންގެ ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
އަނެއްކޮޅުން އަރަބި ގައުމުތަކުގައި ހަރަކާތްތެރިވަމުންދާ ހަތިޔާރުއެޅި ޓެރަރިސްޓް ޖަމާއަތްތަކާ ކުރިމަތިލުމަށް ޓަކައި އަރަބި ގައުމުތަކުގެ ގުޅިފައިވާ ލަޝްކަރެއް އުފެއްދުމަށް އަރަބި ލީގުންވެސް އިއްޔެވަނީ ގޮވާލާފަ އެވެ. ގާހިރާގައި އިއްޔެ ބޭއްވި އަރަބި ޚާރިޖީ ވަޒީރުންގެ ބައްދަލުވުން އިފްތިތާޙް ކޮށްދެއްވަމުން އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް ނަބީލް އަލްއަރަބީ ވިދާޅުވީ އަރަބި އެތަށް ގައުމެއްގައި ހަރަކާތްތެރިވަމުންދާ ހަތިޔާރު އެޅި ޖަމާއަތްތަކުގެ ތެރެއިން ޓެރަރިޒަމްގެ އަމަލުތައް ހިންގާ ހަރުކަށި ޖަމާއަތްތަކާ ކުރިމަތިލުމަށާއި އެގައުމުތަކުގައި ސުލްޙަ ގާއިމް ކުރުމަށްޓަކައި ގުޅިފައިވާ އަރަބި ލަޝްކަރެއް އުފައްދަން ޖެހޭކަމުގަ އެވެ. އަދި ދާޚިލީ ހަނގުރާމަތަކުގެ ސަބަބުން ޙާލުގައި ޖެހިފައިވާ އަރަބި ރައްޔިތުންގެ އަދަދު އެތައް މިލިޔަނަކަށް އަރާތީ އެފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޓަކައިވެސް އަރަބި ލަޝްކަރެއް އުފައްދަންޖެހޭ ކަމަށް އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.
އަރަބި ގައުމުތަކުގައި ހަރަކާތްތެރިވާ އައިއެސް ފަދަ ހަތިޔާރުއެޅި ޖަމާއަތްތަކާ ކުރިމަތިލުމަށްޓަކައި އަރަބި ލަޝްކަރެއް އުފެއްދުމަށް މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީވެސްވަނީ ގޮވާލައްވާފަ އެވެ. ނަމަވެސް އަރަބި ގައުމުތަކުން މިކަމަށް އިޖާބަ ދީފައެއްނުވެ އެވެ. (އަލްޖަޒީރާ)