އިނގިރޭސި އެފްއޭ ކަޕްގައި ރޭ އާސެނަލް އާއި މެންޗެސްޓާ ޔުނައިޓަޑް ބައްދަލުކުރި މެޗުގައި، 2-1 ގެ ނަތީޖާއަކުން ޔުނައިޓަޑްގެ މައްޗަށް ކުރި ހޯދާ، އާސެނަލް މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފި އެވެ.

އެފްއޭ ކަޕްގެ ތާރީހުގައި 11 ފަހަރަށް އެ މުބާރާތުގެ ތަށި ހޯދި ހަމައެކަނި ދެ ޓީމް ކަމަށްވާ ޔުނައިޓަޑާއި އާސެނަލް ރޭ ބައްދަލުކުރި މެޗު އާސެނަލް ކާމިޔާބު ކުރުމުން، އެ ޓީމަށް ވަނީ ޔުނައިޓަށްގެ ރިކޯޑް މުގުރާލުމުގެ ފުރުސަތު ލިބިފަ އެވެ. މިދިޔަ ސީޒަންގައި ވެސް އެ މުބާޜާތް ކާމިޔާބުކުރި އާސެނަލްއަށް މި ސީޒަންގެ ތަށި ހޯދިއްޖެ ނަމަ، 12 ކާމިޔާބީއާ އެކު އެ ޓީމް ވެގެން ދާނީ އިނގިރޭސި އެފްއޭ ކަޕް މިހާތަނަށް އެންމެ ގިނައިން ކާމިޔާބުކުރި ޓީމަށެވެ.

ރޭގެ މެޗު ރަނގަޅު ފޯމެއްގައި ފެށި އާސެނަލް އަށް މެޗުގެ ލީޑު ހޯދަދިނީ 25 ވަނަ މިނެޓުގައި އޮޒިލް ދިން ޕާހަކުން ނާޗޯ މޮންރިއާލް އެވެ. ލީޑު ލިބުނު ނަމަވެސް، އާސެނަލްއަށް ލީޑު ހިފައްޓުނީ އެންމެ ހަތަރު މިނެޓު ވަންދެނެވެ.

މެޗުގެ 29 ވަނަ މިނެޓުގައި ޔުނައިޓަޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޑި މާރިއާ އާސެނަލްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދިން ހުރަސް ބޮލުން ޖަހާ ގޯލްގެ ތެރެއަށް ފޮނުވާލައިން، ޔުނައިޓަޑްގެ ކެޕްޓަން ވޭން ރޫނީ އެވެ.

އާސެނަލް ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގީ ދެވަނަ ހާފްގަ އެވެ. މެޗުގެ 61 ވަނަ މިނެޓުގައި ޔުނައިޓަޑްގެ މިޑްފީލްޑަރު ވެލެންސިޔާ އެ ޓީމްގެ ކީޕަރު ޑޭވިޑް ޑި ގިއާ އަށް ދޭން އުޅުނު ބެކް ޕާސް ހޯދުމަށް ފަހު، އާސެނަލްގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މީގެ ކުރިން ޔުނައިޓަޑަށް ކުޅުމަށް ފަހު މިދިޔަ އަހަރު އާސެނަލް އަށް ބަދުލުވި ފޯވާޑް، ޑެނީ ވެލްބެކް އެވެ.

މެޗުގެ ލީޑު ނެގުމުން ޔުނައިޓަޑުން ނަތީޖާ ހަމަހަމަ ކުރަން މަސައްކަތް ކުރި އިރު، އެ ޓީމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި ކްރިސް ސްމޯލިންގް އާސެނަލްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ނެގި ޝޮޓު ދިޔައީ ގޯލްގެ ހުރަސް ދަނޑި މަތިން ނެވެ.

ޔުނައިޓަޑަށް އިތުރަށް ދަތިވެގެން ދިޔައީ މެޗުގެ 77 ވަނަ މިނެޓުގައި ދެ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކާ، އެ ޓީމްގެ ފޯވާޑް ޑި މާރިއާ ދަނޑުން ފޮނުވާލުމުންނެވެ. ޑައިވް ކުރި ކަމަށް ބަލާ 76 ވަނަ މިނެޓުގައި ޑި މާރިއާއަށް ރެފްރީ ރީނދޫ ކާޑެއް ދެއްކި އިރު، އޭނާގެ ދެވަނަ ރީނދޫ ކާޑު ފެނިގެން ދިޔައީ އެޕީލް ކުރުމުގެ ތެރޭގައި އޭނާ ރެފްރީ ކޮށްޕާލުމުންނެވެ.

ފުރިހަމަ ވަގުތު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް މޮންރިއާލް ޔުނައިޓަޑްގެ ބަދަލުކުޅުންތެރިޔާ އަދުނާން ޔަނޫޒާ އާސެނަލްގެ ޕެނަލްޓީ އޭރިއާތެރެއިން ޓެކްލް ކުރުމުން ޔުނައިޓަޑް ޕެނަލްޓީއަކަށް އެޕީލް ކުރި ނަމަވެސް، ރެފްރީ ބެލީ ޔަނޫޒާ ޑައިވް ކުރި ކަމަށެވެ. ގެއްލިގެން ދިޔަ އެ ފުރުސަތާއެކު ޔުނައިޓަޑަށް ޖެހުނީ އަމިއްލަ ދަނޑުގައި ހިތި ނާކާމިޔާބީއަކާ ކުރިމަތިލާށެވެ.

އާސެނަލްގެ ކާމިޔާބީއާއެކު އެ ޓީމް މިހާރު މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައިވާ އިރު، ސެމީގައި އެ ޓީމާ ދެކޮޅަށް ވާދަކުރާ ޓީމެއް އިނގިގެން ދާނީ މިމަހުގެ 16 ވަނަ ދުވަހު ބްރެޑްފޯޑް ސިޓީ އާއި ރެޑިންގް ބައްދަލުކުރާ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގެ މެޗު ނިމުމުންނެވެ.