10 Mar 2015, 10:31
ތ. ކަނޑޫދުއާއި އެ އަތޮޅު ވޭމަންޑޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.
އެ ދެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ސާސީ ސެނޯކް ޖޭވީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރީ އެކަމަށް ޓަކައި އެންވަޔަރްމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރްމެންޓް މިނިސްޓަރު ތާރިގު އިބުރާހީމެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ހަވާލުކުރެއްވީ 240 ދުވަހުގެ (އަށް މަސްދުވަހުގެ) ތެރޭގައި ނިންމާ ގޮތަށް 16.8 މިލިޔަން ރުފިޔާގެ އަގަކަށް ކަމަށެވެ. މިއަދު ހަވާލުކުރި މަޝްރޫއުގެ ދަށުން ހިމާޔަތް ކުރާނީ ކަނޑޫދޫގެ އިރުމަތީ ފަރާތާއި ވޭމަންޑޫގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މަޝްރޫއުގެ ދަށުން ކަނޑޫދޫގެ ގޮނޑުދޮށުން 700 މީޓަރުގެ ސަރަހައްދެއް ހިމާޔަތް ކުރާ އިރު ވޭމަންޑޫގެ ގޮނޑުދޮށުން ހިމާޔަތް ކުރާނީ 205 މީޓަރުގެ ސަރަހައްދެކެވެ.
ތާރިގު ވިދާޅުވީ ރަށް ގިރުމުގެ މައްސަލަ ރާއްޖޭގެ ގިނަ ރަށްތަކަކަށް ކުރިމަތިވެފައިވާ ކަމަށެވެ. ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ގިނަ ރަށްތަކަކަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރަކަށް އައިސް ވަރަށް ގިނަ ރަށްރަށަކަށް ރަށް ގިރުމުގެ މައްސަލަ ދަނީ ކުރިމަތިވަމުން. ސަރުކާރުން މިދަނީ ވީހާ ވެސް ގިނަ ރަށްރަށެއްގެ ރަށް ގިރުމުގެ މައްސަލަ ހައްލުކޮށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުން،" ތާރިގު ވިދާޅުވި އެވެ.