ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހެލްތު މިނިސްޓަރު ކަމުގެ މަގާމަށް ހެންވޭރު މާބަނޑޭރިއާގެ އަހްމަދު ޒުހޫރު އައްޔަން ކުރައްވައި ފިއެވެ.

އަހްމަދު ޒުހޫރު މިހާތަނަށް ހުންނެވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގަ އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އަހްމަދު ޒުހޫރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި މިނިސްޓަރު ކަމުގެ ހުވާ ކުރައްވާފައެވެ. އޭނާއަށް މަގާމުގެ ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރު އެވެ.

މިނިސްޓަރުކަމުގެ ހުވާ އަހްމަދު ޒުހޫރު ކުރެއްވުމާއެކު ރައީސް ޔާމީން ވަނީ އޭނާއަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވާފައެވެ.

ހެލްތު މިނިސްޓަރީގެ ދަށުން ޖެންޑާގެ މަސައްކަތްތައް އަތުލައި، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާގެ ނަމުގައި ވުޒާރާއެއް އުފައްދައި ރައީސް ޔާމީން ވަނީ އެ މިނިސްޓްރީ ހިންގެވުން ބަންޑާރަ ނައިބު މުހައްމަދު އަނިލްއާ ހަވާލުކުރައްވާފައެވެ.

އޭގެފަހުން ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. މަރިޔަމް ޝަކީލާއަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލީހުން ވަނީ ރުހުން ނެތް ކަމަށް ފާސްކޮށްފައެވެ. އޭގަފަހުން މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހާ ހަމައަށް އެ މިނިސްޓްރީ ވަގުތީގޮތުން ހިންގަވަމުން ގެންދެވީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމެވެ.

ނާޒިމް މިނިސްޓަރު ކަމުން ވަކިކުރެއްވުމަށްފަހު މިއަދާހަމައަށް ރައީސް ޔާމީން އެމިނިސްޓްރީ ހިންގެވުން ހަވާލުކުރައްވާފައި ވަނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާ އެވެ.