10 Mar 2015, 09:43
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ހަތިޔާރު އެތެރެކޮށް ގެންގުޅު ކަމަށް ތުހުމަތު ކުރާ މައްސަލައާ ގުޅިގެން އޭނާގެ އާއިލާގެ ފަރާތުން ޔޫރަޕުގެ ފަސް ގައުމަކާއި އެމެރިކާގެ މަންދޫބުންނާއި ބައްދަލު ކުރައްވައިފި އެވެ.
ނާޒިމްގެ އާއިލާއިންނާއި މަޖިލިސް މެމްބަރު އަބްދުﷲ ރިޔާގެ އިތުރުން މަޖިލިސް މެމްބަރު އަހުމަދު މަހުލޫފް ހިމެނިވަޑައިގަންނަވާ ޓީމަކުން ސްރީލަންކާގައި މިހާރު ހަރަކާތްތެރިވަމުންދާ އިރު އެފަރާތްތަކުން ވަނީ އިއްޔެ އޮސްޓުރޭލިޔާ އާއި ކެނެޑާއާއި ޖަރުމަރާއި އެމެރިކާގެ އިތުރުން އިނގިރޭސި ވިލާތާއި ފުރާންސްގެ މަންދޫބުންނާ ބައްދަލު ކުރައްވާފަ އެވެ.
ނާޒިމްގެ ޅިޔަނެއް ކަމަށްވާ އިސްމާއިލް ހަމީދު މައުލޫމާތު ދިން ގޮތުގައި އެ މަންދޫބުންނާ ބައްދަލުކުރެއްވުމަށް ފަހު ނާޒިމްގެ ޓީމްގެ ފަރާތުން ނާޒިމު ދިރިއުޅޭ އެޕާޓްމަންޓުން ބަޑިއެއް ފެނިއްޖެ ކަމަށް ބުނި ހިސާބުން ފެށިގެން ކަން ހިނގާފައިވާގޮތް ހިއްސާ ކޮށްފައިވާނެ އެވެ. އަދި ނާޒިމަށް މިނިވަން ޝަރީއަތެއް ލިބުމާ މެދު އާއިލާއަށް ޔަގީން ކަމެއް ނެތް ކަމަށް ވެސް އެފަރާތްތަކާ ހިއްސާކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނާޒިމާ ދެކޮޅަށް މިހާރު އުފުލާފައިވާ ދައުވާއާއި ހިނގަމުންދާ ޝަރީއަތަކީ ސަރުކާރުން ސިޔާސީ ބޭނުމެއްގައި ނާޒިމްގެ ދިރިއުޅުން ފުނޑާލުމުގެ ނިޔަތުގައި ކުރަމުންދާ ދައުވާއެއްކަން އާއިލާ އިން ތުހުމަތު ކުރޭ،" އިއްސެ ވިދާޅުވި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ނާޒިމްގެ ގެއިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު ކަމަށް ފުލުހުން ބުނުމާ ގުޅިގެން ނުރައްކާތެރި ހަތިޔާރު ގެންގުޅުނު ކަމުގެ ދައުވާ އުފުލުމަށް ފަހު އެވެ. އޭގެ ފަހުން ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާއަށް އެ ދައުވާ ވަނީ ބަދަލުކޮށްފަ އެވެ. އަދި ޝަރީއަތް ނިމެންދެން ނާޒިމް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުނެރެފަ އެވެ.