މި މަހު ފަސް ވަނަ ދުވަހު މުޅި ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ފަސް ދާއިރާއެއްގެ ވޯޓު އެއްވަރުވުމުން އަލުން އިންތިހާބު ބޭއްވުމަށް އިލެކްޝަންސް އިން ނިންމައިފި އެވެ.

އިލެކްޝަންސްގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި ދެ ކެންޑިޑޭޓުން އަދި ތިން ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވެގެން ދެ ވަނަ ފަހަރަށް އިންތިހާބު ބާއްވަން ޖެހެނީ، ފަސް ކައުންސިލަރުން އިންތިހާބު ކުރަން ޖެހޭ ހދ. ކުމުންދޫ، ބ. ކިހާދޫ، މ. ވޭވަށް، ގއ. ކޮލަމާފުށީ އަދި ހަތް ކައުންސިލަރުން ހޮވަން ޖެހޭ ބ. ކިހާދޫ ކައުންސިލަށެވެ.

އިލެކްޝަންސްގެ އޮފިޝަލް ވިދާޅުވީ ލިބުނު ވޯޓު އެއްވަރުވި ކެންޑިޑޭޓުންގެ މެދުގައި އަލުން އިންތިހާބު ބާއްވާނީ އަންނަ މަހު 12ވާ ހޮނިހިރު ދުވަހު ކަމަށެވެ.

އިލެކްޝަންސްގެ ވެބްސައިޓްގައިވާ ގޮތުން ހދ. ކުމުންދޫ ކައުންސިލްގެ އިންތިހާބުގައި ވާދަ ކުރި އެމްޑީޕީގެ މުހައްމަދު އަބްދުލްކަރީމާއި އާދަމް އަލީ ވަނީ 213 ވޯޓުން އެއްވަރުވެފަ އެވެ.

ހަތް މެންބަރުން އިންތިހާބު ކުރަން ޖެހޭ ރ. ދުވާފަރު ކައުންސިލަށް ދެ މެންބަރުން އެއްވަރުވެފައި ވަނީ ޑީއާރުޕީ އާއި އެމްޑީޕީ ކެންޑިޑޭޓެއްގެ މެދުގަ އެވެ. ޑީއާރުޕީ ހަސަން އަބްދުއްރަހުމާނާއި އެމްޑީޕީ އާމިރު އަހުމަދު ވަނީ 572 ވޯޓުން އެއްވަރުވެފަ އެވެ.

ބ. ކިހާދޫގައި ތިން ބޭފުޅަކަށް ލިބުނު ވޯޓު އެއްވަރުވެ އެވެ. އެ ދާއިރާގެ އިންތިހާބުގައި ވާދަކުރެއްވި އެމްޑީޕީގެ އަހުމަދު މުސްތަފާ އާއި އަހުމަދު ރަޝީދު އަދި އަމިއްލަ ކެންޑިޑޭޓް، އަލީ ޝަރީފު ވަނީ 79 ވޯޓުން އެއްވަރުވެފަ އެވެ.
މ. ވޭވަށުގައި 90 ވޯޓާ އެކު ފަހެއް އަދި ހަ ވަނަ ހޯދީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި މުހައްމަދު މުސްތަފާ ހުސައިނާއި މަމްދޫހު ވަހީދެވެ.

ޑީއާރުޕީ އަށް އެއް ގޮނޑި ކަށަވަރުވެފައިވާ ގއ. ކޮލަމާފުށީ ކައުންސިލްގެ ދެ ވަނަ ބުރުގެ އިންތިހާބުގައި ވާދަ ކުރަން ޖެހިފައި ވަނީ އެމްޑީޕީ ދެ ކެންޑިޑޭޓުންގެ މެދުގަ އެވެ. އެމްޑީޕީގެ މުހައްމަދު ރިފްޝާނާއި ރިޔާޒު ހުސައިން ވަނީ 423 ވޯޓުން އެއްވަރުވެފަ އެވެ.