10 Mar 2015, 09:38
ނިޔުޔޯކް (މާޗް 10) : ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސުލްޙަ ގާއިމް ކުރުމަށް ހަރަކާތްތެރިވާ އދ.ގެ ލަޝްކަރުތަކުގައި ޔޫރަޕްގެ ގައުމުތަކުގެ ސިފައިން މަދުކަމަށް ބުނެ އިތުރު ސިފައިން ބައިވެރި ކުރުމަށް އެމެރިކާ އިން ޔުރަޕަށް ގޮވާލައިފި އެވެ.
އދ.ގައި ހުންނަވާ އެމެރިކާގެ ދާއިމީ މަންދޫބު ސަމަންތާ ޕަވާ ވިދާޅުވީ މީގެ ވިއްސަކަށް އަހަރުކުރިން އދ.ގެ ސުލްޙައިގެ ލަޝްކަރުތަކުގައި ޔޫރަޕްގެ ގައުމުތަކުގެ 25،000 ސިފައިން ހިމެނުނު ކަމަށާއި ނަމަވެސް މިހާރު އެ ލަޝްކަރުތަކުގައި ހިމެނިފައި ވަނީ ޔޫރަޕްގެ ގައުމުތަކަށް ނިސްބަތްވާ އެންމެ 6،000 ސިފައިން ކަމުގަ އެވެ. މިހާރު ދުނިޔޭގައި ހަނގުރާމަތަކާއި ތަޅާފޮޅުންތައް ގިނަވެ އދ.ގެ ސުލްހައިގެ ލަޝްކަރުތަކުގެ ބޭނުން ކުރިޔަށް ވުރެ ބޮޑަށްޖެހިފައިވާ އިރު އެލަޝްކަރުތަކުގައި ޔޫރަޕްގެ ސިފައިން މަދުވުމަކީ ބައިނަލްއަގްވާމީ އަމަނާއި ސުލްޙައިގެ ކަންތައްތަކުގައި ޔޫރަޕްގެ ދައުރުކުޑަވުން ކަމަށް ބެލެވިދާނެ ކަމަށް ވެސް ސަމަންތާ ވިދާޅުވި އެވެ. އެހެންކަމުން އދ.ގެ ލަޝްކަރުތަކުގައި ޔޫރަޕްގެ އިތުރު ސިފައިން ބައިވެރި ކުރުމަށް އެ ގައުމުތަކަށް ސަމަންތާ އިލްތިމާސް ކުރެއްވި އެވެ.
ބައިނަލްއަގްވާމީ އަމަނާއި ސުލްޙައިގެ ކަންތައްތަކުގައި ފަހުބަސްބުނާ އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯކުރުމުގެ ބާރު، ރަޝިޔާއާ އެކު ޔޫރަޕްގެ ތިން ގައުމަށް ލިބިފައިވާ އިރު މީގެ ތެރެއިން އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތަކީ މިހާރަށް ބަލާއިރު ދުނިޔޭގައި އިގްތިސާދާއި އާބާދީ އާއި އަސްކަރީ ބާރުގެ ގޮތުން މާބާރުގަދަ ދެގައުމެއްނޫނެވެ. މިދެގައުމަށް ވުރެ އާބާދީއާއި އިގްތިސާދާ އަދި އަސްކަރީ ގޮތުން ބާރުގަދަ އެހެން ގައުމުތައް ފާއިތުވި ތިރީހަކަށް އަހަރު ތެރޭގައި ދުނިޔޭގެ މަސްރަޙުން ފާޅުވެފައިވެ އެވެ. އޭގެތެރޭގައި ޖަޕާން، އިންޑިޔާ، ބްރަޒީލް ފަދަ ގައުމުތައް ހިމެނެ އެވެ. ނަމަވެސް މިއިން ގައުމަކަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިއެއް ދިނުމަށް ހުޅަނގުގެ ބާރުތަކުން ގެންދަނީ ދެކޮޅު ހަދަމުންނެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ޔޫރަޕްގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުން ވެސް އދ.ގެ ސުލްޙައިގެ ލަޝްކަރުތަކުގައި އިތުރު ސިފައިން ބައިވެރިކުރަން ޖެހޭ ކަމަށް ވިދާޅުވެ ދާދިފަހުން ވާހަކަ ދައްކަވާފަ އެވެ. މިކަމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ޓަކައި އދ. އާ ގުޅިގެން ދުނިޔޭގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމެއް ނިޔުޔޯކްގައި ބޭއްވުމަށް އެމެރިކާ މަސައްކަތް ކުރާނެކަމަށް ވެސް އޮބާމާ ވިދާޅުވެފައިވެ އެވެ. (ރޮއިޓާސް)