10 Mar 2015, 09:31
ދިވެއްސަކު އެމެރިކާގެ 'ޗުވިންގަމް ޕްރޮޑަކްޓެއް'ގެ ކަވަރު ފަރުމާކުރުން އެއީ އެތައް ދިވެއްސަކު އެކަމާ ފަހުރުވެރިވި ކަމެކެވެ. އެހެނަސް އެއީ ތަންކޮޅެއް ދުރުހަނދާނެކެވެ. ފަހުގެ ހަދާނަކަށް ބަލާއިރު އުރީދޫގެ އަޖައިބެއް ފަދަ ކަލަންޑަރުގެ ވާހަކަ އަޑުނާހާ ދިވެއްސަކު މަދުވާނެ އެވެ. އެ ދެ އުފެއްދުމުގެ މޮޅުވާހަކަ އާއި އެކަންކަމަށް މީހުންގެ ތައުރީފް ކުރުން ނުހިއްޓި އުޅެނިކޮށް އެ އުފެއްދުންތައް ފަރުމާކުރި ހުނަރުވެރިޔާ މިވަނީ މާ ބޮޑު ޝަރަފެއް ހޯދައިފަ އެވެ. އެއީ ދިވެހީންގެ އައު ފައިސާ ފަރުމާކުރި މީހާގެ ޝަރަފެވެ. އެ ހުރިހާ މަސައްކަތެއްކުރި ހުނަރު ވެރިޔާއަކީ ބ. ކެންދޫ، ޖަވާހިރުމާގެ އުމުރުން 30 އަހަރުގެ އަބްދުﷲ ނަޝާތު އެވެ.
ގާތްގަނޑަކަށް 340،000 މީހުން ދިރިއުޅޭ އަދި އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރީން ޒިޔާރަތްކުރާ ގައުމެއްގައި ބޭނުންކުރާ ފައިސާ ފަރުމާކުރުމުގެ ޝަރަފް ލިބުމަކީ ކުޑަ ޝަރަފެއް ނޫނެވެ. އެއީ ގައުމަށް ނިސްބަތްވާ އަދި ގައުމަށް ޒިޔާރަތްކުރާ އެންމެން ބޭނުންކުރާ ފައިސާއެވެ. ނަޝާތުގެ އެ ފަރުމާއަކީ މި ރާއްޖެ މިހެން އޮތްހާ ދުވަހަކު ހިނގަމުންދާނެ ހަނދާންތަކެކެވެ. އެއީ އެތައް ޖީލަކަށް ދެމިގެންދާނެ، ޝަރަފްވެރިކަން ލިބިފައިވާ ބޮޑު އިނާމެކެވެ. ނަޝާތު ވިދާޅުވާ ގޮތުން އޭނާ ފައިސާ ފަރުމާކުރުމުގެ މަސައްކަތް ފެށީވެސް އެޝަރަފް ހޯދުމަށެވެ.
"ހަގީގަތުގައި މީގެ ޝަރަފަށް ބަލާފައި ޕްރައިސް މަނީއެއް ނޫން އެއްޗަކީ. ޝަރަފުވެރި ނަމަށް ބޮޑަށް ވޯކް ކުރީ،" ކުރިއަށް އޮތްތަނުގައި ބޭނުންކުރާނެ ފައިސާ ފަރުމާކުރި ނަޝާތު، އޭނާގެ އެ މަސައްކަތާ ގުޅޭ ގޮތުން ފުރަތަމަ ދެއްވި އިންޓަވިއުގައި ސަންއަށް ވިދާޅުވި އެވެ.

އެތައް ޖީލަކަށް ދެމިގެންދާ އެޝަރަފް ހޯދުމަށް ނަޝާތު މަސައްކަތް ކުރަންޖެހުނީ ވަރަށް ބުރަ ދުވަސްވަރެއްގަ އެވެ. އޮފީހުގައި ނުކުރެވި ހުރި އެތައް މަސައްކަތެއް ފުނިޖެހިފައި ހުރި އިރު ނަޝާތު ފައިސާތައް ފަރުމާކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރި އެވެ. އެއީ އޭނާ މިހާތަނަށް ފައިސާއެއް ޑިޒައިންކުރި ފުރަތަމަ ފަހަރުވެސްމެ އެވެ. އޭނާ ދެކޭ ގޮތުގައި ފައިސާ ފަރުމާކުރަން ލިބުނު ވަގުތަކީ އެކަހަލަ ކަމަކަށް އެންމެ އެކަށީގެންވާ ވަގުތެއްނޫނެވެ. ނަމަވެސް އެވަގުތުގައި ތައްޔާރު ކުރެވުނު ޑިޒައިންތަކާ ދޭތެރޭ އޭނާ ހުރީ ވަރަށް ހިތްހަމަޖެހިގެންނެވެ.

އެމްއެމްއޭ އިން ވެސް ރަންދިހަ ފަހެއްގެ ނޫޓުގެ ތަފްސީލީ މައުލޫމާތުތައް ހިއްސާ ނުކުރާއި ނަޝާތު ވެސް އެކަން ކުރަން އަދި ބޭނުމެއް ނުވެ އެވެ. އެ ފައިސާގެ ތަފްސީލީ ޑިޒައިން އެނގޭނީ އޮގަސްޓު މަހު އެ ފައިސާ ބާޒާރަށް ނެރޭފަހުންނެވެ. އެމްއެމްއޭގެ ވެސް އަދި ނަޝާތުގެ ވާހަކަތަކުން ވެސް އެނގޭ ގޮތުގައި އަލަށް ނެރޭ ފައިސާތަކަކީ ދިވެހި ރާއްޖެ ރަމްޒުކޮށްދީފައިވާ އަދި އެހެން ގައުމުތަކުގެ ނޫޓްތަކާއި 'ކޮންސެޕްޓް' ތަފާތު ވެފައިވާ މިންވަރަށް ތައްޔާރުކޮށްފައިވާ ނޫޓުތަކެކެވެ. އެ ނޫންޓްތަކުގެ ދިވެހި ވަންތަކަމާއި ދިވެހިރާއްޖެ ވަރަށް ބޮޑަށް ދައްކުވައިދޭ ނޫޓްތަކަކަށް ވެގެންދާނެ އެވެ.
"ރާއްޖޭގެ މެޖޯރިޓީ މީހުންނަށް ރީޑް ކުރެވޭނެ ކަހަލަ އެއްޗަކަށް ދާން ވެގެން ވިސްނާފައި ތަންކޮޅެއް ޓްރެޑިޝަނަލް އެއްޗެއް މޮޑަން ލޭއައުޓެއްގައި ޔޫސްކޮށްގެން އެގޮތަށް ގެންދިޔައީ،" އާ ނޫޓްތަކާ ގުޅޭ ގޮތުން ނަޝާތު ވިދާޅުވީ އެހެން އެކަންޏެވެ.
ކޮންމެއަކަސް އެބޮޑު ޝަރަފް ނަޝާތަށް ލިބުނުކަން މިހާރު އިއުލާންކޮށްފައިވާ އިރު އެއީ މުޅި ހަޔާތް، ކުރެހުމާއި ފަރުމާކުރުމުގެ ތެރޭގައި ހަރަކާތްތެރިވި ނަޝާތަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބު ކަމަށް އޭނާ ސިފަކުރެ އެވެ. އެ ކާމިޔާބީ އާއެކު އޭނާގެ އާއިލާ އާއި ރައްޓެހިން ވެސް ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށް ނަޝާތު ވިދާޅުވި އެވެ.
އެންމެ ކުޑައިރުންސުރެ ވެސް، މިއަދާ ހަމައަށް ވެސް ކުރެހުމާއި ޑިޒެއިންގެ ތެރޭގައި ހަރަކާތްތެރިވާ ނަޝާތު އެދާއިރާ އިން މީގެ ކުރިން ވެސް ވަނީ ބޮޑު ކާމިޔާބީ ތަކެއް ހޯދާފަ އެވެ. އޭގެން އެއްކަމަކީ އެމެރިކާގެ އުފެއްދުމެއްކަމަށްވާ "އައިޑީ ގަމް" ބްރޭންޑްގެ ޗުވިމްގަމް ފޮށީގެ ބޭރުގައި އޭނާގެ ކުރެހުމެއް 2011 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް ބޭނުން ކުރަމުންދާތީ އެވެ. އެއީ އޮންލައިންކޮށް އެތައް ގައުމެއްގެ ކުރެހުންތެރިންނާ ވާދަކޮށް އޭނާ ހޯދި ކާމިޔާބީ އެވެ. ހަމައެހެންމެ މިއަހަރަށް އުރީދޫ އިން ތައްޔާރުކޮށްފައިވާ އާދަޔާއި ހިލާފް "ހެއްވާ މަޖާ" ކަލަންޑަރަކީ ވެސް އޭނާގެ ހުނަރުވެރިކަން ރަމްޒުކޮށްދޭ ހެއްކެކެވެ.
"އެކި ލެވަލްގެ ވަނަތައް ލިބިފައި ހުރީ. ބައެއް ވަނަތައް އިންޓަނޭޝަނަލް އިވެންޓްތަކުން ވެސް ލިބިފައި އެބަހުރި. ނަމަވެސް މިހާތަނަށް މިލިބުނު ކާމިޔާބީތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބީ އަކީ މިއީ،" ނަޝާތު ވިދާޅުވި އެވެ.
ނަޝާތުގެ ކުރެހުމުގެ ހަޔާތް ޕްރޮފެޝަނަލް ގޮތެއްގައި ފެށިފައި ވަނީ 2009 ވަނަ އަހަރުން ފެށިގެން އިލަސްޓޭޝަން (ވިޝުއަލް އާޓް) ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރަން ފެށި ހިސާބުންނެވެ. އޭނާ ވަނީ އެދާއިރާ އިން އެޑްވާންސް ޑިޕޮލޮމާ ނަންގަވައިފަ އެވެ. އޭގެ ކުރިން މަޖީދިއްޔާ ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން ދިޔަ ދުވަސްވަރު ވެސް އޭނާ ވަނީ އެކިއެކި ރަން ވަނަތައް ހޯދައި ސުކޫލް ފެންވަރުގައި ކުރެހުމުގެ ދާއިރާ އިން އެންމެ މަތީ ހަރުފަތުގައި ހިފަހައްޓާފަ އެވެ.
ވަޒީފާތަކުން ފެށިގެން މުޅިންވެސް ނަޝާތު ހަރަކާތްތެރިވަމުން އައީ ކުރެހުމާއި ޑިޒެއިންގެ ދާއިރާގަ އެވެ. ޕްރޮފެޝަނަލް ފްރީލާންސް ޑިޒައިނަރެއްގެ ގޮތުގަ އެވެ. މިއަދު މުޅި ރާއްޖެ ފަހުރުވެރިވާ އެ ޑިޒައިނަރަކީ އަމިއްލަ ކުންފުއްޏެއް އުފައްދައިގެން ގުރެފިކްސް ޑިޒައިންގެ މަސައްކަތް ކުރަމުން އަންނަ ހުނަރުވެރި ޒުވާނެކެވެ.