10 Mar 2015, 09:21
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް އިދިކޮޅު އެމްޑީޕީގެ މެމްބަރުން އަޑުގަދަކޮށް ހަލޭއްލަވަމުން ދާތީވެ މަޖިލީހުން ދޫކޮށްފައިވާ ލައިވް ފީޑު ކަނޑާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ހެނދުނު 9:00 ގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ފެއްޓެވުމާއި އެކު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ އަޑުގަދަ ކުރަން ފަށާފައި އެވެ. އެގޮތުން މިއަދުގެ ޖަލްސާފައި އިދާރީ މޭޒު ކައިރީގައި ހުރެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ އަޑުގަދަ ކުރާ އެއް ބޭނުން ކުރަމުން ވާހަކަދައްކަވަން ފަށާފައި އެވެ.
"ރައީސް އާދޭސް މި ކުރަނީ. މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަންތައްތައް ކުރޭ." އާޒިމް އަޑުގަދަ ކުރާ އިން ވިދާޅުވި އެވެ.
އާޒިމް މިހެން ވިދާޅުވި އިރު އެމްޑީޕީއަށް ނިސްބަތްވާ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހްއާ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވަނީ މަޖިލީހުގައި ކަށިގަނޑު ފަދަ ތަކެތި ގޮށްވާފައި އެވެ.
އާޒިމް އިސްވެހުންނަވައި މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން ކުރަމުން ގެންދާ އިހުތިޖާުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި އަންނަނީ އަޑުއުފުލަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ވަނީ ސަރުކާރުގެ ފަރާތުން ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލު ހުށަހެޅުމެވެ.
ޖަމީލު އުސްމާން ވަނީ މިއަދުގެ ޖަލްސާއަށް އެ ބިލް ހުށަހަޅުއްވާފައެވެ. އެމްޑީޕީން އަޑުފގަދަކުރިނަމަވެސް ޖަލްސާ އަދިވެސް ދަނީ ކުރިއަށެވެ.