ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގައި ދައުލަތުން ހުށަހެޅި ހެކިތަކާ ގުޅޭ ޝަރީއަތް ނިންމާލައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެންމެ ފުރަތަމަ އޮތީ ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯ ފްޓޭޖުތައް ޝަރީއަތުގައި ދެއްކުމެވެ. އެގޮތުން އެންމެ ފުރަތަމަ ދައްކާފައި ވަނީ 22 ޖެނުއަރީ 2012 ވަނަ ދުވަހު ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު ދެއްކެވި ވާހަކަތަކުގެ ވީޑިއޯ އެވެ.

އެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެއިރެއްގައި އެމަނިކުފާނު ކުރަން ޖެހުނު ކަމެއް ކުރާނެ ކަމަށާއި ހަމައެންމެ ނިންމަންޖެހުނު ނިންމުމެއް ވެސް ނިންމަވާނެ ކަމަށެވެ.

"އެއިރެއްގައި އަޅުގަނޑު ކުރާންޖެހުނު ކަމެއް ކުރާނަން. އެއިރެއްގައި ނިންމާންޖެހުނު ނިންމުމެއް އަޅުގަނޑު ނިންމާނަން،" އެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމުމުން އަބްދުﷲ ގާޒީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ކޮމިޝަންގެ ނިންމުން އެ ކޯޓުން ބާތިލްކޮށްފައިވާ ކަމަށެވެ. އެހެންކަމުން ދެން އެކަމުގައި ބަހެއް ބުނަންހުރީ ދައުލަތުގެ އެންމެ މަތީވެރިޔާ ކަމަށް އެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވި އެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރިފަހުން ބޭއްވި އެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެއީ އެއްވެސް މީހަކަށް ދެރައެއް ދިނުމަށް އަޅާފައިވާ ފިޔަވަޅެއް ނޫން ކަމަށާއި ހަމައެހެންމެ މީހަކު ހައްޔަރުކުރަން ނިންމި ނިންމުމަކީ މީހަކު ހައްޔަރުކުރުމުން އުފާވެރިކަން ހޯދަން ކުރި ކަމެއް ނޫން ކަމަށެވެ.

އެ ވީޑިއޯގައިވާ ވާހަތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދައުލަތުގެ ވަކީލު ޕަބްލިކް ޕްރޮސިކިއުޓާ އަބްދުﷲ ރާބިއު ވިދާޅުވީ އެ ޖަލްސާގައި ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަތަކުން އަބްދުﷲ ގާޒީ ހައްޔަރުކުރަން އެމަނިކުފާނު ނިންމިކަން ދޭހަވާކަމަށެވެ.

އެ ވީޑިއޯއާ ގުޅޭގޮތުން ވާހަކަދެއްކުމަށް ފުރުސަތު އެރުވުމުން ރައީސް ނަޝީދު ވިދާޅުވީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ.

އެގެއިތުރުން ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން ކުރަންޖެހުނު ކަމެއް ކުރާނެ ކަމަށް ވެސް އެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ އެ މައްސަލައިން ތަނާޒުލްވިކަން ބަޔާންކޮށް ރައީސް ނަޝީދުގެ ވަކީލުން ކޯޓަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އަދި ވަކީލަކު ހަމަޖައްސަން ރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފުރުސަތުދިންނަމަވެސް، ވަކީލަކު ހަމަޖައްސަން ފޯންކޯލް ކުރުމުގެ ފުރުސަތު ދޭން އުޅުމުން ރައީސް ނަޝީދު އެ ފުރުސަތުގެ ބޭނުން ނުކުރެއްވި ކަމަށް، ފުލުސް އޮފީހުން އެ ކޯޓަށް ފޮނުވާފައިވާ ސިޓީއިން އެނގޭ ކަމަށް ގާޒީ އަބްދުﷲ ދީދީ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ވަކީލަކު ހަމަޖައްސަން އިތުރު ފުރުސަތު ރައީސް ނަޝީދަށް ދިނުމަށް ދައުލަތުން އިއުތިރާޒު ނުކުރާ ކަމަށެވެ. އެކަމާ ގުޅިގެން ފަނޑިޔާރުންގެ ބެންގެ ރިޔާސަތުން ވަނީ އެކަމާ މެދު ބެންޗުން ގޮތެއް ނިންމާފައިވާކަން އަންގާފައެވެ.

އެ ވީޑިއޯއަށްފަހު ދެން ޝަރީއަތުގައި ދައްކާފައި ވަނީ 22 ޖުލައި 2012 ވަނަ ދުވަހުގެ ރޭ އުސްފަސްގަނޑުގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަތަކުގެ ވީޑިއޯ އެވެ.

އެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ "އަޅުގަނޑު މިހުރީ އެކަމާ ޖަވާބުދާރީވާން ތައްޔާރަށް" ކަމަށެވެ.
އެ ވާހަކައަށް ބަލާއިރު އަބްދުﷲ ގާޒީ ހައްޔަރުކުރުމަކީ ރައީސް ނަޝީދުގެ ސަރުކާރުން ކުރިކަމެއްކަން ވަރަށް ސާފުކޮށް އެނގޭ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އެއަށްފަހު 18 ޖެނުއަރީ 2012 ވަނަ ދުވަހު ފުލުހުންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަތަކުގެ އޯޑިއޯ ވަނީ ޝަރީއަތުގައި އިއްވާފައެވެ.

އެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އަބްދުﷲ ގާޒީއަށް ފަނޑިޔާރުގެއަކަށް ވަޑައިނުގަންނެވޭނެ ކަމަށެވެ. އަދި ކޯޓާއި 100 މީޓަރު ކައިރިއަށް އަބްދުﷲ ގާޒީއަށް ނުދެވޭނެ ކަމަށާއި ވަރަށް ސާފުކޮށް އެކަން އެމަނިކުފާނު ސިފައިންނަށް އަންގާނެ ކަމަށެވެ.

އެވާހަކަތަކާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރީ ރައީސް ނަޝީދަށް އެނގިގެން ކަމަށް އެ ވާހަކައިން އެނގޭ ކަމަށެވެ. އަދި އަބްދުﷲ ގާޒީ ދޫކޮށްލުމުގެ ނިޔަތެއް އެމަނިކުފާނުގެ ނެތް ކަން އެ ވާހަކައިން އެނގޭ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އެއަށްފަހު ދެން ދައްކާފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އެވެ. އެ ވިޑިއޯ އިން ފެންނަގޮތުގައި އަބްދުﷲ ކިޔާފަ މީހަކު ގޮވާއަޑު އިވެއެވެ. އަދި އަންހެނަކު ބާރަށް ހަޅޭލައްވާ އަޑުވެސް އިވެއެވެ. އެ ވީޑިއޯ ދައްކަންފެށުމާއެކު ރައީސް ނަޝީދު ވަނީ ހިނިފުޅުވެޑުވަން ފައްޓަވާފައެވެ.

އެ ވީޑިއޯއާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ ސިފައިން ތިބީ އަބްދުﷲ ގާޒީ ވަށާލައިގެން ކަމަށާއި އޭނާގެ އަމިއްލަ އިޚްތިޔާރެއް ނެތް ކަމާއި ގެއިން ނެރެން އުޅުމުން އެނބުރި ވަދެވަޑައިގަންނަވަން އުޅުމުން ސިފައިން އެކަމަށް ހުރަސްއަޅާ މަންޒަރު އެ ވީޑިއޯ އިން ފެންނަ ކަމަށެވެ.

އެ ވިޑިއޯއާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ އެ ވީޑިއޯ އިން ގާޒީ އަބްދުﷲ ދީދީ އާއި ގާޒީ އަބްދުލް ބާރީ ޔޫސުފް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

މީގެއިތުރުން ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަތައް ދައުލަތުގެ ވަކީލު ވަނީ ޝަރީއަތަށް އިއްވާފައެވެ.

އަބްދުﷲ ގާޒީ ބަންދުކުރީ ގައުމީ ސަލާމަތައް ނުރައްކާވާތީ ސިފައިންގާތު އެމަނިކުފާނު ވިދާޅުވުމުން ކަމަށް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން "އަޅުގަނޑު ވަރަށް ސާފުކޮށް އަހާލަން އަބްދުﷲ ގާޒީ ދޫކޮށްލަން ވީތޯ؟ ނޫނީ ބަހައްޓަންވީތޯ؟" މިހެން ރައީސް ނަޝީދު ވިދާޅުވި ކަމަށެވެ.

އަދި "އުއްތަމަ ފަނޑިޔާރު ހުކުމެއް އިއްވާފަވަނިކޮށް ދޫކޮށްލަންވީތޯ؟" އާއި "އަޅުގަނޑު ވަރަށް ޔަގީންކަން އަރުވަން އަޅުގަނޑު މިކަން ކުރާނަމޭ. މިކަމާ ހިތްހަމަނުޖެހޭނަމަ ކުރާނެ ކަމެއް ނެތް" މިހެން ވެސް ރައީސް ނަޝީދު ވިދާޅުވި ކަމަށެވެ.

އެވާހަކަތަކަށް ބަލާއިރުވެސް އަބްދުﷲ ގާޒީ ހައްޔަރުކުރީ އެމަނިކުފާނު އަންގަވައިގެންކަން އެނގޭ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ފުލުހުން ތައްޔާރުކޮށްފައިވާ ސީން އޮފް ކްރައިމް އެގްޒަމިނޭޝަން ރިޕޯޓަށް ބާލައިރު ރައީސް ނަޝީދު ވެރިކަމުގައި ދިރިއުޅުއްވި ގެކޮޅު ކަމުގައިވާ މުލީއާގޭގައި އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅޭ މަޝްވަރާތައް ކުރިކަން އެނގޭ ކަމަށެވެ.

އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު އެޅެންދެން ގެއަށް ބަދަލުކުރާނީތޯ ނުވަތަ އޭނާގެ އަމިއްލަފުޅު ރަށް ކަމުގައިވާ ރ. ހުޅުދުއްފާރަށް ބަދަލުކޮށްލާނީތޯ މަޝްވަރާކޮށްފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން ދިފާއުގައި ހުށަހަޅުއްވާފައިވާ ހެކީންނަކީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނަފީ ކުރެވޭނެ ބަޔަކަށް ނުވާތީ އެ ހެކީން ޝަރީއަތަށް ހާޒިރުނުކުރަން ފަނޑިޔާރުންގެ ބެންޗުން ވަނީ ނިންމާފައެވެ.

މިރޭގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ހުށަހެޅި ކޮންމެ ވީޑިއޯ އަކާއި ލިޔުންތަކަށް ވަކިވަކިން ޖަވާބުދިނުމަށް ފުރުސަތު އެރުވުމުން ރައީސް ނަޝީދު ވިދާޅުވީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެއީ އިންސާފުވެރި ޝަރީއަތުގެ މަޖިލީހެއް ނޫން ކަމަށާއި އެއީ ބޭއިންސާފުގެ ޝަރީއަތެއްކަމަށެވެ. އަދި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުން ގާނޫނު އަސާސީ މުގުރާލާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިރޭގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ މާދަމާރޭ ބާއްވާ ޝަރީއަތުގެ މަޖިލީހަށް އަބްދުﷲ ގާޒީ ހާޒިރުކުރާނެކަން އިއުލާން ކުރެއްވުމަށްފަހު އެވެ.