ރާއްޖެ ޓީވީން ފޮނުވި ޚަބަރެއްގެ މައްސަލަ އާއި ރާއްޖެ ޓީވީގެ ނޫސްވެރިން ކްރިމިނަލް ކޯޓުގެ ބައެއް ޝަރީޢަތްތަކަށް ނުވައްދަން ނިންމި ކަމަށް ބުނާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފި އެވެ.

އެ ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއި ކްރިމިނަލް ކޯޓުގެ ގާޒީއަކު ރޭ ކެފޭއެއްގައި ބައްދަލުކުރެއްވި ކަމަށް ބުނެ ރާއްޖެ ޓީވީން ފެތުރި ކަމަށް ބުނާ ޚަބަރުގެ މައްސަލަ އާއި، ރާއްޖެ ޓީވީގެ ނޫސްވެރިން ކްރިމިނަލް ކޯޓްގެ ބައެއް ޝަރީޢަތްތަކަށް ނުވައްދަން އެ ކޯޓުން ނިންމި ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ ޕީޖީ އާއި ކްރިމިނަލް ކޯޓުގެ ގާޒީއަކު ކެފޭއެއްގައި ރޭ ތިއްބަވަނިކޮށް ރާއްޖެ ޓީވީގެ ނޫސްވެރިން ނަގާފައިވާ ވީޑިއޯ ގަދަކަމުން ފޮހެލި ކަމަށް ބުނާ މައްސަލަ، އަދި އެ މައްސަލައިގައި ރާއްޖެ ޓީވީގެ ނޫސްވެރިން ޕޮލިހަށް ހާޒިރުކޮށް ވީޑިއޯ ފޮހެލިކަން ކަށަވަރުކުރި ކަމަށް ބުނާ މައްސަލަ ބަލައި، މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅޭ ފަދަ ކަމެއް އެއްވެސް ފަރާތަކުން ކުރިތޯ ކޮމިޝަނުން ކަށަވަރުކުރާނެ ކަމަށެވެ. އަދި އެ ކަމާ ގުޅިގެން ކަމާ ގުޅޭ ފަރާތްތަކުގެ މައުލޫމާތު ހޯދާނެ ކަމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ރާއްޖެ ޓީވީގެ ނޫސްވެރިން ކްރިމިނަލް ކޯޓްގެ ބައެއް ޝަރީޢަތްތަކަށް ނުވައްދަން އެ ކޯޓުން ނިންމި ކަމަށް ބުނާ މައްސަލަ ކޮމިޝަނުން ބަލައި، މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅޭ ކަންކަން ނައްތާލުމަށް ކޮމިޝަނުން މަސައްކަތް ކުރާނެ ކަމަށެވެ.

ފުލުހުން ރޭ ވަނީ ހުއްދަ ނުނަގައި ރެސްޓޯރެންޓެއްގެ ތެރެ ވީޑިއޯ ކުރަމުންދާތީ ކަމަށް ބުނެ ރާއްޖެ ޓީވީގެ ހަތަރު މުވައްޒަފަކު ހައްޔަރުކޮށްފައެވެ.

ޕީޖީ މުހުތާޒު މުހުސިންއާ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފް ކެފޭ "ލަޔާލީ" ގައި ބައްދަލުކުރެއްވި ކަމަށް ރާއްޖެ ޓީވީން ބުނި ވާހަކަ، ޕީޖީ މުހުތާޒު ވަނީ ދޮގުކުރައްވައިފައެވެ.

"އަޅުގަނޑު އެތަނަށް [ކެފޭ ލަޔާލީ] އަށް ދިޔައިން. އެތަނަށް އަޅުގަނޑު ދިޔައީ ދެ މީހަކާ ވެސް އެއްކޮށް. އަޅުގަނޑު އެތަނަށް ދިޔައިރު ގާޒީ ބާރީ ވެސް އިންނެވި. ނަމަވެސް އެހެން މޭޒެއްގައި އެބޭފުޅާ [ގާޒީ ބާރީ] އިންނެވީ. ދެން އެ ނުވާނެ ދެއްތޯ އަޅުގަނޑާ ގާޒީ ބާރީއާ ބައްދަލުކުރެއްވި ކަމަކަށެއް. އެބޭފުޅުން [ރާއްޖެ ޓީވީގެ ނޫސްވެރިން] ނަކަށް ނުފެންނާނެ އަޅުގަނޑާ ގާޒީ ބާރީއާ އެއް މޭޒެއްގައި އިންނަނިކޮށެއް. އެއީ ހަމަ ކަނޑައެޅިގެން ދޮގެއް،" ޕީޖީ މުހުތާޒު ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވީ އެތަނަށް ފުލުހުން އައިސް ރާއްޖެ ޓީވީގެ ނޫސްވެރިންތަކެއް ހައްޔަރު ކުރިކަމެއް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.