09 Mar 2015, 20:23
ހުޅުމާލޭ ދެ ފިޔަވަހީގެ މަސައްކަތް އެއްކޮށް ނިމިގެންދާއިރު، ރާއްޖޭގެ އާބާދީގެ 75 ޕަސެންޓް ހުޅުމާލޭގައި އާބާދު ކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެ ސަހަރައްދަށް ޒިޔާރަތް ކުރެއްވުމަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، ހުޅުމާލެއަށް ހިޖުރަކުރުމުގެ ދައުވަތު ހުރިހާ ރަށްރަށަކަށް ވެސް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ބައެއް ރަށްރަށުން މީހުން ބަދަލުވުމަށް އެދި ޕެޓިޝަންތައް ހުށަހަޅަމުން އަންނަ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކުމުގެ ޕްރޮޖެކްޓްގެ މަސައްކަތްކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވަނީ --- ފޮޓޯ/ ރައީސް އޮފީސް
އެގޮތުން، ހުޅުމާލެއަށް ބަދަލުވާން ބޭނުންވާ ކުދި އަދި މެދު ފަންތީގެ ރަށްރަށުގެ އާއިލާތަކަށާއި ޒުވާނުންނަށް ހުޅުމާލޭގައި ދިރިއުޅެވޭ ވަރަށް ހުޅުމާލޭގެ ޖާގަ އިތުރުކުރެވޭތޯ ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއަދު ރާއްޖޭގެ އާބާދީއަކީ 350،000 ކަމަށް ކިޔަނީ. ހުޅުމާލެ ދެ ފިޔަވަހި ނިމިގެންދާއިރު އަޅުނގަޑުމެން މިދައްކަނީ 230،000 އާބާދީއެއް. އަތޮޅު ތެރެއިން ޒުވާނުން އަންނަ ކަމަށްވާނަމަ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 75 ޕަސެންޓް އާހަމައަށް ޖާގަ އެބަ ކްރިއޭޓް ކުރެވޭ ހުޅުމާލޭގައި،" ރައީސް ވިދާޅުވި އެވެ.
ކެބިނެޓުގެ ބައެއް ވަޒީރުންނާއި ސަރުކާރު ހިންގާ ޕީޕީއެމްގެ ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުންނާއެކު ރައީސް ކުރެއްވި އެ ޒިޔާރަތުގައި ހުޅުމާލެ ތަރައްގީ ވެގެންދާނެ ގޮތުގެ ކުރެހުންތަކާއި މިހާރު ހިއްކާފައިވާ ސަރަހައްދުވެސް ބައްލަވާލައްވާފައިވެ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކުމުގެ ޕްރޮޖެކްޓްގެ މަސައްކަތްކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވަނީ --- ފޮޓޯ/ ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވީ، ހުޅުމާލޭގައި ގާއިމްކުރާ ހައުސިން ޔުނިޓްތަކަކީ ކޮންމެ ގިންތިއެއްގެ ޒުވާނަކަށް ވެސް ގަނެވޭ ފެންވަރުގެ ސްކީމަކަށް ވެގެންދާނެ ކަމަށެވެ.
"ޒުވާނުންނަށް އުއްމީދު ދޭން ބޭނުންވަނީ ޝޯޝަލް ހައުސިން އަކީ އެއްވެސް ކަހަލަ އާމްދަނީއެއް ހޯދާން މަސައްކަތްކުރައްވާނަމަ، ކޮންމެ ގިންތިއެއްގެ ކުއްޖަކަށް ވެސް އެފޯޑް ކުރެވޭ ވަރުގެ ހައުސިން ސްކީމަކަށް ހަދައިދެވޭތޯ މަސައްކަތްކުރާނަމޭ،" ރައީސް ވިދާޅުވި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހި މަސައްކަތް ކުރިއަށްދަނީ ޓައިމްލައިނާ އެއްގޮތަށް ކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމުގެ ޕްރޮޖެކްޓުގެ 95 ޕަސެންޓް މިހާރު ނިމިފައިވާ އިރު، ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ބާކީ ބައި ހިއްކާ ނިންމާލެވޭނެ ކަމަށެވެ. އަދި ހިއްކި ސަރަހައްދުގެ ރިވެޓްމެންޓް ޖެހުން ކުރިއަށް އޮތް އަހަރެއްގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްކުރިއަށްދާއިރު ވެސް، އެ ބިމުގައި ބޮޑެތި މަގުތައް ހެދުމާއި އިމާރާތްކުރުމުގެ މަސައްކަތްކުރިއަށްދާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.