09 Mar 2015, 19:52
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ބޭއްވި ފުރަތަމަ ޖަލްސާގައި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުގެ ގައިކޮޅުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ޖެއްސެވި ކަމަށް ބުނާ މައްސަލައެއް ބަލައި ދިނުމަށް އެދި މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިގް، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދަށް މިއަދު ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައި ވަނީ ރިޔާޒު ރަޝީދުގެ ގައިކޮޅުގައި މަހުލޫފު ޖެއްސެވި ކަމަށް ބުނާ މައްސަލަ ބައްލަވައިދެއްވުމަށް އެދިވަޑައިގަނަވާ ކަމަށެވެ. އަދި ރިޔާޒުގެ ގައިކޮޅުގައި މަހުލޫފު ޖެއްސެވިކަން ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލުއާ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ސިޓީގައި ވިދާޅުވެފައިވެ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން މަހުލޫފު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރިޔާޒު ރަޝީދަށް ހަމަލާ ދިން ކަމަށް ބުނެ ހުށަހަޅުއްވާފައިވާ މައްސަލައަކީ އޭނާގެ އަގު ވައްޓާލުމަށާއި އަދި އޭނާއަށް ބިރު ދެއްކުމަށް ހުށަހެޅުއްވި މައްސަލައެއް ކަމަށެވެ.
މަޖިލިސް ހުޅުވުމުގެ ގޮތުން ބޭއްވި މަޖިލީހުގެ ފުރަތަމަ ޖަލްސާގައި، ސަރުކާރާ އިދިކޮޅު ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީގެ މެންބަރުން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަންދުން ދޫކޮށްލުމަށް ގޮވާލައި މަޖިލީހުގެ ތަޅުމުގައި އަޑުއުފުލާފަ އެވެ. އަދި ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވަމުން ގެންދެވި ވަގުތު އެކަމަށް ހުރަސް އެޅުމުގެ ގޮތުން އަޑުގަދަކުރައްވައިފައެވެ. އެހެންނަމަވެސް އެއްވެސް އަޑަކަށް ބެއްލެވުމެއް ނެތި ރައީސް ޔާމީން ވަނީ ރިޔާސީ ބަޔާން އިއްވަވައި ނިންމާލައްވާފަ އެވެ.