އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ކަމުގެ މަގާމުން އާދަމް އާޒިމް ވަކިކޮށް އެމަގާމަށް އެހެން ބޭފުޅަކު އައްޔަން ކޮށްފި އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ކަންތައްތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު 'ސަން'އަށް ވިދާޅުވީ، އާޒިމް އެމަގާމުން ވަކި ކުރެއްވީ ސަރުކާރަށް އެކަން އެގޮތަށް ހަމަ ޖައްސަވަން ފެނިވަޑައިގެންނެވުމުން ކަމަށެވެ.

" ދެން ސަރުކާރުގެ މެޖޯރިޓީ ޝެއާ އޮންނަ ކުންފުނިތައް ދެއްތޯ، ސަރުކާރަށް ފެނިވަޑައިގެންނެވީ އެގޮތަށް ހަމަ ޖައްސަވަން،" އާޒިމް ވަކި ކުރެއްވީ ކީއްވެތޯ ދެންނެވުމުން ނިޒާރު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު ސަރުކާރާ ހަވާލު ވެވަޑައިގެން ކުންފުނިތަކަށް ބޭފުޅުން ހަމަޖެއްސެވި އިރު އެސްޓީއޯގެ އެމްޑީގެ މަގާމް ދެއްވި އާޒިމަކީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ކޮށްކޮއެވެ.

އާޒިމް ވަކި ކުރެއްވުމަށް ފަހު އެސްޓީއޯގެ އެމްޑީއަކަށް ހަމަޖައްސަވާފައި ވަނީ އަހުމަދު ޝަހީރެވެ.

އެސްޓީއޯގެ ޕްރޮކިއުމެންޓް ޑިޕާޓްމަންޓު ބެލެހެއްޓެވުމާ ހަވާލުވެ ހުންނެވި ޝަހީރަކީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.