17 Feb 2011, 14:13
މާލޭ ހުޅަނގު ދެކުނު ފަރާތު އާ ހާބަރުން ބިން ވިއްކުން ހުއްޓައިލުމުގެ ވަގުތީ އަމުރު އަނެއްކާވެސް ނެރެފި އެވެ.
ސިވިލް ކޯޓްން މިއަދު ނެރުނު ވަގުތީ އަމުރުގައި ވެސް ބުނަނީ މީގެ ކުރިން މި މައްސަލައިގައި ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރުގައ ބަޔާންކޮށްފައިވާ ވާހަކަތަކެވެ.
އަމުރުގައި ބުނަނީ މާލޭ މުނިސިޕަލްޓީން ހުޅުވައިލި ބިން ވިއްކުމުގެ ނީލަން ވަގުތީ ގޮތުން ހުއްޓުވައި ދިނުމަށް އިދިކޮޅު އިއްތިހާދުން ހުށަހެޅި މައްސަލަ ނުނިމެނީސް ބިން ވިއްކުމަކީ "އެކަމުގެ އެންމެ އަދުލުވެރި ގޮތް ކަމުގައި ނުވާތީ އާއި އެ ފުރުސަތު ދެވިއްޖެ ނަމަ އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ވެދާނެ ކަމަށް ޝަރީއަތަށް ފެންނާތީވެ މި މައްސަލައިގައި ހުކުމް ކުރަންދެން ނުވަތަ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން" މާލޭ ހުޅަނގު ސަރަހައްދުން ބިން ވިއްކުމުގެ މުއާމަލާތެއް ނުކުރުމަށެވެ.
މާލޭ އާ ހާބަރު ސަރަހައްދުން ބިން ވިއްކުން މުނިސިޕަލްޓީގެ މައްޗަށް މަނާ ކުރުމަށް އިދިކޮޅު އިއްތިހާދުން ހުށަހަޅާފައިވާ މައްސަލައިގައި ކުރިން ވެސް ވަގުތީ އަމުރު ނެރެފައި ވަނިކޮށް ސިވިލް ކޯޓުން އެމައްސަލަ ކޯޓުން ބޭރުކޮށްލީ މައްސަލައިގެ މައްޗަށް ޝަރީއަތް ހިންގުމަށްފަހު ހުކުމް ކުރަން އޮތް ދުވަހު ދައުވާ ކުރި ފަރާތް ކޯޓަށް ހާޒިރު ނުވުމުންނެވެ.
މާލޭ އާ ހާބަރު ސަރަހައްދުން މިހާތަނަށް ހަތަރު ބިމެއް ވަނީ 100 މިލިއަނަށްވުރެ ގިނަ ރުފިޔާ އަށް ވިއްކައިފަ އެވެ.