09 Mar 2015, 18:52
އިނގިރޭސި އެފްއޭ ކަޕްގައި ރޭ ބްލެކްބާން ރޯވާރސްއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައި އެޓީމުގެ ޑިފެންޑަރު މާޓިން ސްކާޓެލްއަށް ލިބުނު އަނިޔާ، މާ ސީރިއަސް ނޫން ކަމަށާއި، ކުރިއަށް އޮތް ލީގު މެޗުގައި އޭނާ ބޭނުން ކުރެވިދާނެ ކަމަށް ލިވަޕޫލްގެ ކޯޗް ބްރެންޑަން ރޮޖާސް ބުނެފި އެވެ.
އެ މެޗުގައި ސްކާޓެލްއަށް ލިބުނު އިންޖަރީއާ ބެހޭގޮތުން ވާހަކަ ދައްކަމުން ރޮޖާސް ބުނީ މެޗަށް ފަހު އޭނާގެ ފިޓްނެސް ރަނގަޅު ކަމަށާއި، ރޭގެ މެޗުގެ ބާކީ ބައިވެސް އޭނާއަށް ކުޅެވުނީސް ކަމަށެވެ.
"ރޭގެ މެޗުގައި ސްކާޓެލްއަށް ލިބުނު އިންޖަރީއަކީ މާ ބޮޑު ކަމެއް ނޫން. މެޗަށް ފަހު އޭނާ ހަމަ ބަރާބަރު. ރޭގެ މެޗުގައިވެސް އޭނާއަށް އިތުރަށް ކުޅެވުނީސް. ނަމަވެސް އެފަދަ ކަންކަމުގައި ބަސް ކިޔާނީ ޓީމްގެ މެޑިކަލް ސްޓާފް. އޭނާ ދަނޑުން ބާލަން ޖެހުނީ ލިބުނު އަނިޔާ ރަނގަޅަށް ދެނެގަނެ، އެއީ ސީރިއަސް އަނިޔާއެއްތޯ ބަލަން،" ރޮޖަރސް ބުންޏެވެ.
ސްކާޓެލްއަށް އަނިޔާވެފައި ވަނީ ރޭގެ މެޗު ފެށިތާ ތިން މިނެޓު ތެރޭގައެވެ. ބޮލުން ޖަހަން މަސައްކަތް ކުރި ބޯޅައެއްގައި ސްކާޓެލް އާއި ރޯވާސްގެ ރޫޑީ ގެސްޓީޑް ޖެހި ސްކާޓެލް ވެއްޓުމަށް ފަހު، އޭނާގެ ބޮލަށް ވަނީ އަނިޔާ ވެފައެވެ. އަދި އޭނާ ވެއްޓުމުން އޭނާއަށް ފަރުވާ ދިނުމަށް ގާތްގަނޑަކަށް އަށް މިނެޓު ވަންދެން މެޗުގެ ކުޅުން ވަނީ މެދުކަނޑާލާފަ އެވެ.
ރޮޖާސް ބުނީ އެ ހާދިސާ ހިނގި ވަގުތު ސްކާޓެލް ވެއްޓުމުން އޭނާ ހޭނެތުނީ ކަމަށް ބެލެވޭ ކަމަށެވެ. އަދި ސްޓްރެޗަރެއްގައި އޭނާ ދަނޑުން ބޭލިއިރު، އޭނާ އިތުރަށް ކުޅެން ބޭނުންވާކަން އިޝާރާތްކޮށްފައި ވާކަމަށްވެސް ރޮޖާސް ބުންޏެވެ.
"ލަފާ ކުރެވެނީ އެ ހާދިސާ ހިންގި ވަގުތު އޭނާ ހޭނެތުނީކަމަށް. ނަމަވެސް އޭނާއަށް މާ ބޮޑު ގެއްލުމެއް ލިބިފައެއް ނުވޭ. ސްޓްރެޗަރުގައި ދަނޑުން ބޭލުވި އިރުވެސް އޭނާ މެޗުގެ ބާކީ ބައި ކުޅެން ބޭނުންވާކަމަށް އިޝާރާތްކުރަމުން ދިޔަ،" ރޮޖާސް ބުންޏެވެ.
ބޮލަށް ލިބޭ އަނިޔާތަކާ ގުޅޭ ގޮތުން މި ސީޒަންގައި ޕްރިމިއާ ލީގަށް އާ ގަވައިދުތަކެއް ތައާރަފްކޮށްފައި ވާއިރު، އެ ގަވައިދުތަކުގައި ދަށުން ބޮލަށް އަނިޔާއެއް ލިބިއްޖެނަމަ އެ ކުޅުންތެރިއަކު ދަނޑުން ފައިބަން ޖެހެއެވެ. އަދި އޭގެ އިތުރުން އެ ގަވައިދުގައި ބުނާ ގޮތުން އެފަދަ އަނިޔާއެއް ކުޅުންތެރިއަކަށް ލިބިއްޖެ ނަމަ، އޭނާ އިތުރަށް މެޗުގައި ކުޅޭނެތޯ ނޫނީ ނުކުޅޭނެތޯ ނިންމަން ޖެހޭނީ ޓީމްގެ ކޯޗް ނޫނީ މެނޭޖަރުގެ ބަދަލުގައި ކްލަބް ޑޮކްޓަރެވެ.