އިނގިރޭސި އެފްއޭ ކަޕްގައި ކާމިޔާބީތަކެއް ހޯދުމުގެ ފުރުސަތު އޮތް ނަމަވެސް، ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދުގައި މީގެ ކުރިން އެފްއޭ ކަޕް ގުރުބާން ކޮށްފައި ވާނެކަމަށް އާސެނަލްގެ ކޯޗް އާސެން ވެންގާ ބުނެފި އެވެ.

ވެންގާ ވަނީ މީގެ ކުރިން އެފްއޭ ކަޕްގެ މެޗުތައް ތާވަލްކޮށްފައި ވާގޮތުން ޗެމްޕިއަންސް ލީގުގެ މެޗުތަކަށް ބުރޫއަރާކަން ފާހަގަ ކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ޓީމުގެ ބައެއް މުހިންމު ކުޅުންތެރިން އެފްއޭ ކަޕް މެޗުތަކަށް ނެރެން އުނދަގޫ ވާކަމަށްވެސް ވެންގާ ބުންޏެވެ.

"އެފްއޭ ކަޕް މެޗުތަކަކީ ޗެންޕިއަންސް ލީގު މެޗުތަކާ އަޅައިބަލާއިރު އަބަދުވެސް ވަރަށް ނުބައި ފައްތަރެއްގައި ތާވަލް ކުރެވޭ މެޗުތަކެއް. އެއީ ކޯޗެއްގެ ހައިސިއްޔަތުން އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހޭ ސަބަބެއް. މުހިންމު ކުޅުންތެރިއަކަށް ރެސްޓެއް ދޭން ޖެހޭ ދަނޑިވަޅެއްގައި، ޔޫސީއެލް މެޗަކާއި އެފްއޭ ކަޕް މެޗެއް ކުރިއަށް އޮތް ނަމަ، އޭގެ ތެރެއިން އެ ކުޅުންތެރިޔާ ނާރުވައި ކުޅޭނީ އެފްއޭ ކަޕް މެޗު،" އާސެނަލްގެ ކޯޗު ބުންޏެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި މިރޭ އާސެނަލް މެންޗެސްޓާ ޔުނައިޓަޑާ ދެކޮޅަށް ނިކުންނައިރު، ވެންގާ ބުނީ މީގެ ކުރިން އެފްއޭ ކަޕްގައި ކާމިޔާބީ ހޯދަން ޓީމްގެ މުހިންމު ކުޅުންތެރިން ބޭނުންކޮށްފައި ވާނެކަމަށާއި، ބައެއް ފަހަރު އެކަމުގެ ހިތި ނަތީޖާ ފެނިފައި ވާކަމަށެވެ.

"މީގެ ކުރިން ބައެއް އަހަރުތަކުގައި ޗެމްޕިއަންސް ލީގު މެޗުތަކަށް ނުބަލައި އެފްއޭ ކަޕް މެޗުތަކަށް މުހިންމު ކުޅުންތެރިން އެރުވިން. ނަމަވެސް އެކަމުގެ ސަބަބުން ބައެއް ކުޅުންތެރިން ޔޫސީއެލްގެ މެޗުތަކަށް ބޭނުން ނުކުރެވޭ ގޮތްވެސް މީގެ ކުރިން ދިމާވެފަ އެބަހުރި،" ވެންގާ ބުންޏެވެ.

އިނގިރޭސި އެފްއޭ ކަޕް މުޅިޖުމުލަ 11 ފަހަރު އާސެނަލް ކާމިޔާބު ކޮށްފައި ވާއިރު، މެންޗެސްޓާ ޔުނައިޓަޑްވެސް ވަނީ މީގެ ކުރިން 11 ފަހަރު އެ މުބާރާތް ކާމިޔާބު ކޮށްފައެވެ. އެފްއޭ ކަޕްގެ ތާރީހުގައި އެ ދެ ޓީމަކީ މުބާރާތުގެ ތަށި އެންމެ ގިނައިން ކާމިޔާބުކުރި ދެ ޓީމެވެ. އެކަން ފާހަގަ ކުރަމުން، ވެންގާ ވަނީ މިރޭގެ މެޗުގެ ކާމިޔާބު ކުރުމުގެ މުހިންމު ކަމަށް އަލި އަޅުވާލާފައެވެ.

"މި މެޗު ހާއްސަ ވަނީ މި މެޗަކީ އެ މުބާރާތް ކާމިޔާބު ކުރުމުގެ ގާބިލްކަން ހުރި ދެ ޓީމްގެ މެދުގައި ކުޅެވޭ މެޗަކަށް ވާތީ،" ވެންގާ ބުންޏެވެ. "ދެ ޓީމްގެ ވިސްނުންވެސް އެއްގޮތް. މި މެޗު ކާމިޔާބު ކުރެވިއްޖެނަމަ މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު."

އިނގިރޭސިި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި މެންޗެސްޓާ ޔުނައިޓެޑް އެޓީމުގެ އޯލްޑް ޓްރަފޯޑްގައި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ މެންދަމު 12:45ގައެވެ.