09 Mar 2015, 17:04
އަބޫދާބީ (މާޗް 9): އިރުގެ ހަކަތަބޭނުންކޮށްގެން ދުނިޔެ ވަށައިޖެހުމުގެ ދަތުރުފެށި އެންމެ ފުރަތަމަ މަތިންދާބޯޓުގެ ދަތުރު ޔުނައިޓެޑް އަރަބް އިމަރޭޓްސްގެ ވެރިރަށް އަބޫދާބީން މިއަދު ފަށައިފި އެވެ.
އަބޫދާބީގެ ބައިނަލްއަގްވާމީ އެއާޕޯޓުން ނައްޓާލައިގެން މިއަދު ހެނދުނު 7:12 ގައި ދަތުރު ފެށި އެބޯޓުގެ ފުރަތަމަ ދަތުރުގައި ދާނި އުމާނަށެވެ. އެއަށްފަހު ދެން އިންޑިޔާ މިޔަންމާ އަދި ޗައިނާއަށެވެ. "ސޯލާ އިމްޕަލްސް 2" ގެ ނަމުން ނަންދީފައިވާ މިބޯޓަކީ އެންމެ މީހަކަށް ދަތުރުކުރެވޭ ބޯޓެކެވެ. އެއީ އެބޯޓުގެ ޕައިލެޓެވެ.
ތޭރަ އަހަރުގެ ދިރާސާ އާއި މަސައްކަތުން އުފެއްދި މި ބޯޓުގެ ފުރަތަމަ ދަތުރުގައި ޕައިލެޓެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ސްވިޓްޒަލެންޑުގެ ރައްޔިތެއް ކަމަށްވާ އެންޑްރޭ ބޯޝްބާގެވެ. އެއަށްފަހު ޕައިލެޓެއްގެ ގޮތުގައި ދެންވެސް ހަރަކާތްތެރިވާނީ ސްވިޓްޒަލެންޑުގެ ރައްޔިތެކެވެ. އެއީ ޕްރެޓްރެން ޕިކާޑް އެވެ. މިދެޕައިލެޓުން ގެ ތެރެއިން މިބޯޓުގައި ދަތުރުކުރާނީ ފަހަރަކު މީހެކެވެ.
"ސޯލާ އިމްޕަލްސް 2" ބޯޓުގެ ދުވެއްޔަކީ ގަޑިއަކު 50 ކިލޯމީޓަރާއި 100 ކިލޯ މީޓަރާ ދެމެދުގެ ދުވެއްޔެކެވެ. 2300 ކިލޯގްރާމް ނުވަތަ 2.3 ޓަނުގެ ބަރުދަން ހުންނަ މިބޯޓުގެ ފިޔަގަނޑުގެ ފުޅާމިނުގައި 236 ފޫޓް ހުރެއެވެ. މި ބޯޓުގެ ދަތުރަށް ބޭނުންވާ ހަކަތަ އިރުން ހޯދުމަށްޓަކައި އެބޯޓުގެ ފިޔަގަނޑުގައި 17 ހާސް ސޯލާ ސެލް ހަރުކޮށްފައިވެއެވެ.
މިބޯޓު ދުނިޔެވަށައިގެން ބުރެއް އެޅުމަށްޓަކައި 35 ހާސް ކިލޯ މީޓަރު ދަތުރުކުރަންޖެހެއެވެ. މިދަތުރަށް ފަސް މަސްދުވަސް ހޭދަވާއިރު ޖައްވުގައި ބޯޓު އުދުހޭ ވަގުތު އެއްކޮށްލުމުންވާނީ 25 ދުވަހެވެ. އެއީ ގަޑީގެ ގޮތުންނަމަ 600 ގަޑީއިރެވެ. 600 ގަޑީއިރުން ދުނިޔެވަށައި ބުރެއް ޖެހުމުގެ ގާބިލްކަން މިބޯޓަށް ލިބިފައިވެއެވެ.
މިދަތުރަށް ޖުމްލަ ފަސް މަސްދުވަސް ނަގަނީ އެކި ގައުމުތަކުގައި ބޯޓު މަޑުކޮށް ޕައިލެޓުންވެސް ބަދަލުކުރުމުގެ އިތުރުން މަރާމާތުގެ މަސައްކަތްވެސް ކުރާގޮތަށް ހަމަޖެހިފައިވާތީ އެވެ. މިގޮތުން 12 މަންޒިލަކަށް ބޯޓު ޖެއްސުން މިދަތުރުގައި ހިމެނާފައިވެއެވެ.
މިބޯޓު ޖައްވުގައި ދަތުރުކުރަމުންދާ އިރު ޕައިލެޓަށް އެހީވާ ޓީމް ހަރަކާތްތެރިވަނީ ފަރަންސޭސިވިލާތުގެ މޮނާކޯގައި ހުންނަ ކޮންޓްރޯލް ރޫމެއްގައެވެ. އެރޫމްގައި ބޯޓު މޮނިޓަރ ކުރުމުގެ ކަންތަކުގައާއި ބޯޓު ޖައްސާ ގައުމުތަކުގައި މަރާމާތުގެ ކަންތައްތައް ކުރުމަށް ޖުމްލަ 65 މުވައްޒަފުން ހަރަކާތްތެރިވާނެއެވެ.
މި ބޯޓުގެ ދަތުރަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ބޯޓުގެ ލަސް ދުވެލީގައި އެޓްލާންޓިކް ކަނޑުފަދަ ބިޔަ ކަނޑުތައް ހުރަސްކުރުމެވެ. މިފަދަ ދިގު ދަތުރުތަކުގައި ނިދުމަށްޓަކައި ޕައިލެޓަށް 20 މިނިޓު ދިނުމަށް ހަމަޖެހިފައިވެއެވެ. ޕައިލެޓް ނިދާއިރު ބޯޓު ދުއްވާނީ އޮޓޯޕައިލެޓުގައެވެ. (ބީބީސީ)