މިއަހަރު ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ އަމިއްލަ ކުންފުނިތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ތިން ވަނަ ފަހަރަށް ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މުއްދަތު އިތުރުކޮށްފައި ވަނީ ގިނަ ކުންފުނިތަކުން އިތުރު ވަގުތު ދިނުމަށް އެދި ހުށަހަޅަމުންދާތީ ކަމަށެވެ.

އެގޮތުން، އިސްލާމިކް މިނިސްޓްރީން ވަނީ އުމްރާއަށް ދިއުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފަ އެވެ.

މިއަހަރު އުމްރާއަށް ގެންދިއުމަށް ބޭނުންވާ އަމިއްލަ ކުންފުނިތަކުން އެކަމަށް އެދި ހުށަހެޅުމަށް އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓްރީން ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި އެ އިއުލާނަށް ހުޅުވާލި ފުރުސަތު މިދިޔަ ޑިސެމްބަރު މަހަށް ހަމަވުމުން، އެ މުއްދަތު މިދިޔަ މަހުގެ 26 ވަނަ ދުވަހަށް އިސްލާމިކް މިނިސްޓްރީން އިތުރުކުރި އެވެ.

އުމްރާއަށް މީހުން ގެންދަން ހުށަހަޅާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ހުށަހަޅައި ކުންފުންޏަކީ ރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތެއް ކަމުގައި ވާން ޖެހެ އެވެ.

މީގެ އިތުރުން، އެ ކުންފުނީގެ މެޖޭނިންގް ޑައިރެކްޓަރާއި އުމްރާއާ ބެހޭ ކަންކަމުގެ އިންތިޒާމްތަކާއި ކަންކަން ބެލެހެއްޓުމަށް އައްޔަންކޮށްފައިވާ އެންމެ އިސްފަރާތަކީ ކުށުގެ ރިކޯޑެއް ނެތް އަދި ފާއިތުވި އަހަރުތަކުގައި އުމްރާ ނުވަތަ ހައްޖު ފައިސާ މެނޭޖު ކުރުމުގައި މައްސަލަތަކެއް ހުރިކަމަށް މިނިސްޓްރީއަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން ހިމެނެ އެވެ.

އުމްރާ އަށް ހުށަހަޅާއިރު، އުމްރާ އަށް ގެންދާ މީހާ އާއި ކުންފުންޏާ ދެމެދު ހަދަން ގަސްދުކުރާ އެއްބަސްވުމުގެ ނަމޫނާ އާއި ހުއްދަ އަށް އެދޭ ކުންފުނީގެ މެޖޭނިންގް ޑިރެކްޓަރާއި ބޯޑު މެމްބަރުންނާއި އަދި އުމްރާ އާ ބެހޭ ކަންކަން ހަވާލުކޮށްފައިވާ އެންމެ އިސްވެރިޔާގެ އައިޑީކާޑު ކޮޕީ އާއި ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެހާއި ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑް ފޯމްތައް ވެސް މިނިސްޓްރީ އަށް ހުށަހަޅަން ޖެހެ އެވެ.