09 Mar 2015, 16:56
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިރޭ ބާއްވާ ޝަރީއަތަށް ވެސް ހާޒިރުނުވާން އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ނިންމައިފި އެވެ.
މައްސަލައަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބިފައިނުވާތީ މިރޭ 8:00 ގައި ބާއްވާ ޝަރީއަތުގެ މަޖިލީހަށް ވެސް ހާޒިރުނުވާން ނިންމާފައިވާކަން ވަކީލުންގެ ޓީމުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެ މައްސަލައަށް ތައްޔާރުވާން އެކަށީގެންވާ ފުރުސަތު ލިބިފައިނުވާ ކަމަށް ރައީސް ނަޝީދުގެ ވަކީލުން ވިދާޅުވާއިރު، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ އެ މައްސަލައަކީ އިއްޔެ އަކު މިއަދަކު ހިނގާފައިވާ ކަމެއް ނޫން ކަމަށާއި ފަނޑިޔާރުން ގަބޫލުކުރައްވަނީ އެކަށީގެންވާ ފުރުސަތު ވަކީލުންނަށް ލިބިފައިވާ ކަމަށެވެ.
ރޭ ބޭއްވި ޝަރީއަތުގެ މަޖިލީހަށް ދިފާއީ ވަކީލުން ހާޒިރުވެފައިނުވާތީ ވަކީލަކު ހަމަޖައްސަން ރައީސް ނަޝީދަށް ރޭ ވަނީ ފުރުސަތު ދެއްވާފައެވެ. އެހެންނަމަވެސް އެމަނިކުފާނު ވިދާޅުވީ ދޫނިދޫގައި ހުރެ ވަކީލަކު ހަމަޖެއްސުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަކާލާތު ކުރައްވާނެ ވަކީލަކު ހާޒިރުނުވިޔަސް މިރޭ ޝަރީއަތް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.