ރާއްޖޭގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ޓަކައި އެގްރިކަލްޗާ މިނިސްޓްރީ އާއި ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހައްދައި ނޫޅޭ ބާވަތްތްކުގެ ގަސްތައް ހައްދައި އާލާ ކުރުމަށް ތަޖުރިބާ ކުރުމުގެ މަޝްރޫއުއެއް އިފްތިތާހުކޮށްފި އެވެ.

ރާއްޖޭގައި އާންމުކޮށް ހައްދައި ނޫޅޭ ތަކެތީގެ ތެރެއިން އައު ތަކެތި ހެއްދުމަށް އެކަށީގެންވާ މާހައުލާ ބެހޭ މައުލޫމާތު ހޯދުމާއި ޓެސްޓްކޮށް އެ ތަކެތި ރާއްޖޭގައި އާލާ ކުރުމަށް "ރިސާޗް ކޮމްޕޯނެންޓް" ޕްރޮޖެކްޓް އިފްތިތާހުކޮށްފައި ވަނީ ފިޝަރީޒް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެގަ އެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ޓެސްޓް ކުރުމަށް ހަވާލު ކުރި ތަކެއްޗަކީ މޭބިސްކަދުރާއި އޯކިޑް ގަހެވެ. އެތަކެތި ޗައިނާ ސަރުކާރުގެ ފަރާތުން ހަވާލު ކުރައްވާފައި ވަނީ ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ފުކަންގް އެވެ. އަދި މިނިސްޓްރީގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގެންފައި ވަނީ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވީ ތަޖުރިބާ ކުރުމުގެ އެ ޕްރޮގްރާމް ނިންމުމަށް ފަހު ލިބޭ ނަތީޖާއާ އެކު މިއަންނަ އަހަރު ރަށް ރަށުގައި އެ މަސައްކަތްތައް ފެށުމަށް ބޭނުންވާ ގަސްތަކާއި އެއްޗެހި ހަވާލު ކުރައްވާނެ ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ މި ކުރިއަށް ގެންދާ އެކްސްޕެރިމެންޓަލް [ތަޖުރިބާ ކުރުމު]ގެ ޕްރޮގްރާމް ނިމުމަށް ފަހު މިއަންނަ އަހަރުގެ ތެރޭގައި އެ ލިބޭ ނަތީޖާއާ އެކު ރަށް ރަށުގެ ކޮމިއުނިޓީތަކަށް މަސައްކަތް ފަށާނެ. އެގޮތުން އެކަމަށް ބޭނުންވާ ގަސްތައް ފޯރު ކޮށްދިނުމާ އެކު އެކަންތައް ކުރާނެ ގޮތް ކިޔާދޭނަން،" ޝައިނީ ވިދާޅުވި އެވެ.

އަލަށް ފައްޓާ އެ މަޝްރޫއުގެ ސަބަބުން ރާއްޖެ އިން ބޭރުކުރާ ތަކެތީގެ އަދަދު އިތުރުވެ، ފަތުރުވެރިކަމުގެ ސިނާއަތަށް ފައިދާތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިއަދު އިފްތިތާހު ކުރި އެ ޕްރޮޖެކްޓް ކުރިއަށް ދާނީ ހދ. ހަނިމާދޫ އެގްރިކްލްޗަރަލް ސެންޓަރުގަ އެވެ.