އދ. މާމިގިލީގައި ސަވާޖީ އެއްގައި ލަކުޑި ބެރިތަކެއް އުފުލަން އުޅުމުގެ ތެރޭގައި ބިދޭސީއެއްގެ ބޮލަށް އެ އެއްޗެހިތައް ވެއްޓި އެ ބިދޭސީ މީހާ މަރުވެއްޖެ އެވެ.

އެ ރަށުން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ، މަރުވެފައި ވަނީ މާމިގިލީގައި ވިލާ އެއާޕޯޓްގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހެއް ކަމަށެވެ. އަދި އެ ލަކުޑި ބެރިތައް ވެއްޓި އޭނާގެ ސިކުނޑި ވެސް ބޭރަށް ނުކުމެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އެ މީހާ މަރުވެފައިވާކަން މާމިގިލީ ކައުންސިލުން ވެސް ސަން އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވީ، އެ ހާދިސަ ހިނގާފައި ވަނީ މިއަދު 3:30 ހާއިރު މާމިގިލީން ވިލާ އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދުގައި ކަމަށެވެ. ބަނދަރުކޮށްފައިވާ ބޯޓަކުން ބެރިތަކެއް ބާލަން އުޅެނިކޮށް، ކެރޭނުން އެ އެއްޗެހި ވެއްޓި، އޭނާގެ ބޮލަށް ގެއްލުންތަކެއް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.